މިދިޔަ މަހު އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 277.7 މިލިއަން ރުފިޔާ ގެ އާމްދަނީއެއް ލިބުނު ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ހިސާބުތައް ދާއްކާގޮތުގައި މިދިޔަ މަހު މުދާ އިމްޕޯޓު ކުރި ވަރާއި އެކްސްޕޯޓު ކުރި ވަރު ވަނީ އިތުރުވެފަ އެވެ.
އެގޮތުން މިދިޔަ މަހު ރާއްޖެއަށް 4.49 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި އެތެރެ ކޮށްފައިވަނީ 3.03 ބިލިއަން ރުފިޔާގެ މުދަލެވެ އެހެން ކަމުން މިއީ 48 ޕަސެންޓުގެ ކުރި އެރުމެކެވެ.
ރާއްޖެ އަށް މާޗް މަހު އެންމެ ގިނައިން މުދާ އެތެރެކުރީ ޗައިނާ އާއި ޔޫއޭއީ އަދި އިންޑިއާ އިންނެވެ. އެގޮތުން ޗައިނާއިން 28 ޕަސެންޓް މުދާ ގެނައިރު، 15 ޕަސެންޓް މުދާ އެތެރެކުރީ ޔޫއޭއީ އިންނެވެ. އިންޑިއާ އިން އެތެރެކުރީ 11 ޕަސެންޓު މުދަލެވެ.
މިދިޔަ މަހު ރާއްޖެއިން 246.1 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކުރި އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓުކޮށްފައިވަނީ 165.6 މިލިއަން ރުފިޔާގެ މުދަލެވެ.
އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ މަހުގެ ބާވަތްތަކެވެ.
ކަަސްޓަމްސް އިން ބުނީ ރާއްޖޭން އެންމެ ގިނައިން މުދާ ބޭރު ކުރީ ތައިލެންޑާއި ޖަރުމަނާއި އިނގިރޭސި ވިލާތަށް ކަމަށެވެ. އެގޮތުން ތައިލެންޑަށް 35 ޕަސެންޓް މުދާ ބޭރު ކުރިއިރު، ޖަރުމަނަށް ބޭރުކުރީ 15 ޕަސެންޓެވެ. އަދި އިނގިރޭސި ވިލާތަށް ބޭރު ކޮށްފައި ވަނީ 10 ޕަސެންޓް މުދަލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް