ރާއްޖޭގެ މޫސުން ގޯސްވެ މިހާރު ކުރަމުންދާ ވިއްސާރައިގަ މިއަދުވެސް އެކި ހިސާބުތަކަށް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުން ވަނީ ރެއާ އިއްޔެވެސް އުދަ އަރާފާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފަ އެވެ. މެޓް އޮފީހުން ބުނީ މިއަދު އުދަ އަރާނެ ކަމަށް ލަފާ ކުރެވެނީ ދިޔަވަރު އެންމެ ބޮޑުވާ ގަޑިތަކުގައި އެވެ.
އެގޮތުން ދިޔަވަރު އެންމެ ބޮޑުވާނޭ ކަމަށް ލަފާކުރަނީ އުތުރު އަތޮޅުތަކުގައި މެންދަމު 3:42 ގަ އާއި ރޭގަނޑު 6:13 ގައި އެވެ. އަދި މެދުތެރޭ އަތޮޅުތަކުގައި ފަތިހު 4:50 ހާއި ރޭގަނޑު 7:10 ގައެ އެވެ. މީގެ އިތުރުން ދެކުނު އަތޮޅުތަކުގައި ހެނދުނު 6:10 ގައާއި ރޭގަނޑު 8:38 ގައެވެ.
މީގެ އިތުރުން މެޓް އޮފީހުން ލަފާ ކުރާގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ އެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
އެހެންވެ ކަނޑު ދަތުރު ކުރުމުގަ އާއި އާންމު ދިރިއުޅުމުގައި މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ކުރި ވިއްސާރައިގަ އުތުރާއި ދެކުނުގެ ގިނަ ރަށްތަކަކަށް އުދަ އަރާފައިވެ އެވެ. އެކަމަކު ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަޜުން ބުނީ އުދައިގެ ސަބަބުން އާންމު ރައްޔިތުންނަށް ގެއްލުމެއް ވެފައި ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް