އެފްއޭ ކަޕް ސެމީ ފައިނަލްގައި 2-0 ގެ ނަތީޖާއިން ސައުތުހެމްޓަން ބަލިކޮށް ޗެލްސީ ފައިނަލްގެ 2 ވަނަ ޖާގަ ކަށަވަރު ކޮށްފިއެވެ. ޗެލްސީން ފައިނަލްގައި ވާދަކުރަން ޖެހޭނީ ޓޮޓެންހަމް ބަލިކޮށް ފައިނަލަށް ދަތުރުކުރި މެންޗެސްޓާ ޔުނައިޓެޑާއެވެ.
ލީގުގައި ރަނގަޅު ނަތީޖާތަކެއް ނުނެރެވި ޗެމްޕިއަންސް ލީގުގެ ޖާގައެއް ނުލިބި ނިންމާލަން ޖެހިދާނެކަމަށް ބެލެވިފައިވާ ޗެލްސީން ރޭގެ މެޗު ފެށީ ފޯމު ކަޓާފައިވާ މޮރާޓާގެ ބަދަލުގައި އޮލިވާ ޖިރޫ ފުރަތަމަ 11 ގައި ހިމަނައިގެންނެވެ.
މެޗު ފެށިގެން ކުރީކޮޅުގައި ޗެލްސީގެ ވިލިއަމް ފޮނުވާލި ހަމަލާއެއް ގޯލު ދަނޑިއަށް އަމާޒުވިއިރު އެ ޓީމުން ގެންދިޔައީ ރަނގަޅަށް ކުޅެ ސައުތުހެމްޓަންގެ ޑިފެންސަށް ބާރުބޮޑު ކުރަމުންނެވެ. އަނެއްކޮޅުން ޗެލްސީގެ ވަރުގަދަ އެޓޭކްތައް ހުއްޓުވުމަށް ސައުތުހެމްޓަންއިން ކުޅެމުން ދިޔައީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެންނެވެ.
ދެވަނަ ހާފުގެ ފުރަތަމަ މިނިޓުގައި ޗެލްސީއަށް ލީޑު ނަގައިދިނީ މޮރާޓާގެ ބަދަލުގައި މި މެޗުން ފުރުސަތު ދިން ފްރާންސްގެ ފޯވާޑް ޖިރޫ އެވެ. ފެބްރެގަސް ދިން ޕާހެއް މޮޅަށް ލިބިގަތުމަށްފަހު ހަޒާޑް އެ ބޯޅަ ޖިރޫއަށް ޖައްސާލުމުން އޭނާ ވަނީ ޑިފެންސްގެ ތެރެއިން ދެމިގަނެ ބޯޅަ ގޯލަށް ވައްދާލާފައެވެ.
ޗެލްސީގެ ލަނޑަށްފަހު ސައުތުހެމްޓަންއަށް ނަތީޖާ ހަމަހަމަކޮށްލަން ރަނުގެ ފުރުސަތެއް ލިބި ބޭނުން ނުކުރެވުނުއިރު ދެން ފެނިގެން ދިޔައީ އަނެއްކާ ވެސް ޗެލްސީން ކޮންޓްރޯލް ނެގިތަނެވެ.
ޗެލްސީއަށް ދެ ވަނަ ލަނޑެއް ކާމިޔާބު ކޮށްދީ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްދިނީ މެޗުގެ 82 ވަނަ މިނިޓުގައި އަލްވާރޯ މޮރާޓާއެވެ. އަޒެޕްލިކުއޭޓާ ދިން ޕާހަކުން މޮރާޓާ މި ލަނޑު ޖެހީ ޖިރޫގެ ބަދަލުގައި ކުޅެން ނުކުތްތާ އެންމެ 2 މިނިޓުގެ ތެރޭގައެވެ.
އެފްއޭ ކަޕްގައި ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާ ފައިނަލް މެޗު ކުޅޭނީ އަންނަ މެއި މަހުގެ 19 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް