އޭޕްރީލް މަހުގެ 23 ވަނަ ދުވަސް ދިވެހި ޤައުމު ހޭލީ އަނެއްކާވެސް ދިވެހި ރައްޔިތެއް މަރާލައިފި ކަމުގެ ބިރުވެރި ޚަބަރާއެކުއެވެ. މާލޭގެ ގެއެއްގެ ސިޑިގޮޅިން ޒަޚަމްތަކަކާއެކު މަރާލާފައި އޮއްވާ މީހަކު ފެނުނު ޚަބަރުންނެވެ. މަރާލާފައި އޮއްވާ ފެނުނު މީހަކީ އުމުރުން 29 އަހަރުގެ ޔާމީން ރަޝީދެވެ. ގިނަބަޔަކަށް ޔާމީން އިނގެނީ ބްލޮގަރ އަދި ސޯޝަލް މީޑިޔާ އެކްޓިވިސްޓެއްގެ ގޮތުގައެވެ. ކަންކަމާމެދު މިނިވަން ޚިޔާލު ފާޅުކުރާ މީހެއްގެ ގޮތުގައެވެ. ޤައުމުގައި ހުރި މުހިންމު ސީރިޔަސް މައްސަލަތަކާމެދު ޔާމީން އަބަދުވެސް ގެންދިޔައީ އޭނާގެ ޚިޔާލު ފާޅުކުރަމުންނެވެ.
ވަކިން ޚާއްސަގޮތެއްގައި މީގެ ދެއަހަރުކުރިން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟުވާން ގެ މައްސަލާގައި އެންމެ ކުރީ ސަފުގައި ހުރެގެން ރިޟުވާނަށް ވީގޮތެއް ހޯދުމުގައި ކެނޑިނޭޅި ޔާމީން ވަނީ މަސައްކަތްކޮށްފައެވެ. ރިޟުވާނަކީ ޔާމީންގެ ގާތް އެކުވެރިއަކަށް ވެފައި ޔާމީންގެ އެންމެ ފަހު ވަގުތާ ހަމައަށްވެސް ރިޟުވާނަށް ވީގޮތް އޮޅުން ފިލުވުމަށް މަސައްކަތްކޮށްފައިވާތީ ގިނަ ބަޔަކު ސިފަކުރަނީ ޔާމީން މަރާލީ އެކަމާ ގުޅިގެން ކަމުގައެވެ. ރިޟުވާނަށް ވީގޮތެއް ހޯދުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ޖަވާބެއް އެކަމުގައި ހޯދުމަށް މަސައްކަތް ކުރާ މީހުންގެ ތެރެއިން އެކަކަށް ޔާމީން ވެގެންދާނެއެވެ. ވަކިން ޚާއްސަކޮށް ރިޟުވާން ގެއްލިފައިވާކަމާއި އޭނާއަށް ވީގޮތް އަދިވެސް ނޭންގޭކަން ހަނދާންކޮށްދިނުމަށް މަސައްކަތްކުރާ މީހުންގެ ތެރެއިން އެކަކަށް ޔާމީން ވެގެންދާނެއެވެ. ރިޟުވާނަށް ވީގޮތެއް ހޯދުމަށް ބޭއްވި ރެލީތަކުގައި ރިޟުވާންގެ މަންމައާ އެންމެ ކައިރިން ފެންނަ އެކަކަށް ޔާމީން ވެގެންދާނެއެވެ.
ޔާމީންގެ ކުއްލި މަރާއެކު ސޯޝަލް މީޑިޔާގައި މިއަދު މައިގަނޑު ގޮތެއްގައި ދައުރުވަމުންދަނީ އެކަމާގުޅުންހުރި ޝުޢޫރުތަކެވެ. އެކިމީހުން އެކިގޮތްގޮތަށް ސިފަކުރަމުންދަނީ ސިހުމާއި ބިރުވެރިކަމާއި ދެރަވުމާއި ޔާމީން ދެކެ އެމީހުންވާ ލޯތްބެވެ. ސޯޝަލް މީޑިޔާ އެކްޓިވިސްޓެއްގެ ގޮތުގައި އެއްބަޔަކު ޔާމީން ސިފަކުރަމުންދާއިރު އަނެއް ބަޔަކު ޔާމީން ސިފަކުރަމުންދަނީ ހިތްވަރުގަދަ ބަތޮލެއްގެ ގޮތުގައެވެ. އެއްބަޔަކަށް އަދިވެސް ސޯޝަލް މީޑިޔާއިން ދެން ޔާމީންގެ ޕޯސްޓެއް ނުފެންނާނެކަމަށް ޤަބޫލެއް ނުކުރެވެއެވެ. އެކަމަކު ހަޤީޤަތަކީ " ޑެއިލީ ޕެނިކް" ގެ އިންތިޒާރުގައި ތިބި ފަރާތްތަކަށް ދެން ޔާމީންގެ ލިޔުމެއް ނުފެންނާނެއެވެ. މިޤައުމުގައި ހިނގާ ކޮރަޕްޝަނާއި ނާއިންސާފު ކަންކަމާއި ދީނީ ހައްދުފަހަނަ އަޅާ ދިޔުމުގެ ކަންކަމާމެދު މިނިވަން ޚިޔާލު ފާޅުކުރަމުން އައި ޒުވާނެއްގެ ދޫ އަބަދަށްޓަކައި ބަންދުވީއެވެ. ލިޔަމުން އައި ލިޔުންތައް އަބަދަށްޓަކައި ހުއްޓުނީއެވެ.
ޔާމީން ގެ މަރަކީ މިނިވަން ޚިޔާލާއި މިނިވަން ނޫސްވެރިކަން މިޤައުމުން ފުހެލުމަށް ދެމުން އަންނަ އިންޒާރުތަކުގެ ތެރެއިން އިންޒާރެއްގެ ގޮތުގައި ގިނަބަޔަކު ދަނީ ސިފަކުރަމުންނެވެ. އެކަމާ ގުޅޭގޮތުން ދިވެހި ސަރުކާރުން ނެރުނު ނޫސްބަޔާނުގައިވެސް ވަނީ ޔާމީން ރަޝީދުގެ މަރަކީ ރާއްޖޭގެ ސޯޝަލް މީޑިޔާއަށް ލިބުނު އުނިކަމެއްކަމުގައެވެ. އަދި އެއީ ރާއްޖޭގެ ޑިމޮކްރަސީއަށާއި މިނިވަން މީޑިޔާއަށް ދިން ހަމަލާއެއްގެ ގޮތުގައި ދިވެހި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.
މިމައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަލަމުން އަންނައިރު ގިނަބަޔަކު ފާހަގަކުރަމުންދާ ކަމަކީ ޔާމީން އަށް މަރުގެ އިންޒާރުތައް ކެނޑިނޭޅި ދެމުން އައިއިރު ޕޮލިހުން އެކަމާމާމެދު ފިޔަވަޅެއް ނާޅާތިބުމެވެ. ޔާމީނަށް މަރުގެ އިންޒާރު އަންނަމުން ދިޔަކަން ޔާމީން ވަނީ ސޯޝަލް މީޑިޔާގައި އެތައް ފަހަރަކު ބުނެފައެވެ. އެކަމާގުޅޭގޮތުން ފުލުހުން ބުނެފައިވަނީ މަރުގެ އިންޒާރުތައް ދެމުން އައި މައްސަލަޔާ ގުޅޭގޮތުން އެންމެ ފަހުން ހުށަހެޅި މައްސަލަ ފުލުހުން ތަޙްޤީޤުކޮށް ބަޔަކާ ސުވާލުކޮށްފައިވާކަމުގައެވެ. އެކަމުގެ މާބޮޑު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައިނެތް ނަމަވެސް މިހާތަނަށް ފުލުހުން މިމައްސަލަޔާ ގުޅޭގޮތުން ބުނެފައިވަނީ ޔާމީން މަރާލާފައިވަނީ ގަސްތުގައި ތޫނުހަތިޔާރުން ހަމަލާދީގެން ކަމުގައެވެ. ފުލުހުން މިމައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ހާމަކޮށްފައިވީނަމަވެސް އާންމުން އަންނަނީ އިންސާފު ލިބޭނެކަމާމެދު ސުވާލު އުފައްދަމުންނެވެ. މީގެކުރިން ހިނގާފައި ހުރި މިފަދަ މަރުގެ ހާދިސާތަކަށް އިންސާފު ލިބިފައިނުވާއިރު ވަކިން ޚާއްސަކޮށް ޔާމީނަށް ލިބެމުން އައި މަރުގެ އިންޒާރުތައް އެކަށީގެންވާވަރަށް ފުލުހުން ބަލާފައިނުވާއިރު ޔާމީންގެ މަރާގުޅިގެން އިންސާފުވެރި ތަޙްޤީޤެއް ފުލުހުންނަށް ކުރެވިދާނެކަމާމެދު ދަނީ ސުވާލު އުފައްދަމުންނެވެ.
ކޮންމެ އަކަސް އިނގޭކަމަކީ ޔާމީންގެ ކުއްލި މަރާއެކު އެތައް ބަޔަކަށް ސިހުން ގެނުވައިފިކަމެވެ. މިނިވަން ޚިޔާލު ފާޅުކުރަމުން އައި މިނިވަން ލޭ ހިނގަހިނގާ ހުރި ދިވެހި ދަރިއެއް ޤައުމަށް ގެއްލިގެން ހިނގައްޖެކަމެވެ. އާއިލާއާއި ރައްޓެހިން ދެކެ ލޯބިވާ މީހަކު އެމީހުންނަށް އަބަދަށްޓަކައި ވަކިވެގެން ދިޔަކަމެވެ. ޔާމީނަށް އިންސާފު ލިބެންޖެހޭކަމެވެ. ޔާމީނަށް އިންސާފު ނުލިބިދާ ކޮންމެ ދުވަހަކީ މިޤައުމުގައި މިނިވަން ޚިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަމަށް އޮތް ބިރު އިތުރުވެގެންދާނެ ދުވަހެއްކަމެވެ. ރިޟުވާނަށް ވީގޮތެއް ހޯދުމަށް ބޭއްވި ރެލީއެއްގައި ޔާމީން ލައިގެން ހުރި ޓީ-ޝާޓްގައި ބުނާގޮތަށް " މިއަދު ރިޟުވާން ގެއްލުވާލީ.. ދެން އަހަރެން ބާ؟ " މިސުވާލު އިތުރަށް ކުރަން މަޖުބޫރުވެގެންދާނެ ދުވަހެއްކަމެވެ. ކޮންމެ މީހެއްގެ ހިތުގައި އޮތް " ދެން އަހަރެން ބާ" އަށް ޖަވާބެއް ބޭނުމެވެ. ކަމާބެހޭ ފަރާތްތަކުން އެކަމަށް ޖަވާބެއް ދޭންޖެހެއެވެ. އިތުރު މީހެއްގެ ފުރާނަ ދިޔުމުގެ ކުރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް