ސޮނާކްޝީ ސިންހާ ބޭނުންވަނީ ޖުޑްވާ 2 ގައި އޭނާގެ އެއްމާބަނޑު ދެ ބޭބެއިން ކާސްޓް ކުރުމަށް ކަމަށް ބުނެފި އެވެ.
އޭނާގެ މި ދެ ބޭބެއިންނަކީ އޭނާ އަށްވުރެ ހަތަރު އަހަރު ބޮޑު ބޭބެއިންނެވެ. ލަވް އާއި ކުޝް ބޮޑު ސްކްރީނުން ފެނިގެން ދިޔުމަކީ ސޮނާކްޝީގެ ހުވަފެނެއް ކަމަށްވެސް މަޢުލޫމާތު ލިބެ އެވެ.
ކުޝް އަދި މިހާތަނަށް އެއްވެސް ފިލްމެއް ކުޅެފައި ނުވިއަސް ލަވް ވަނީ އޭނާގެ ފުރަތަމަ ހިންދީ ފިލްމު 2010 ގައި ކުޅެފަ އެވެ. އެހެންނަމަވެސް އެ ފިލްމު ވެގެން ދިޔައި ބެލުންތެރިން އެހާ ކަމުދިޔަ ފިލްމަކަށް ނޫނެވެ.
ރީތިކަމުގެ މިސާލެއް ކަމަށް ވާ ރޭކާ އާއި ފެރީނާ ވަޒީރު އިދިކޮޅު ރޯލުން ފެނިގެންދިޔަ "ސަދިޔަން" އަށް ފަހު ލަވް އެއްވެސް ފިލްމެއް ކުޅެފައި ނުވެއެވެ.
ލަވް އާއި ކުޝްގެ މަންމަ (ޕޫނަމް ސިންހާ) އާއި ބައްޕަ (ޝަތުރުގަން ސިންހާ) އަކީވެސް ސޮނާކްޝީ ފަދައިން ބޮލީވުޑްގައި ގަދަޔަށް ވިދާލި ދެ ތަރިންނެވެ.
އިންޑިޔާގެ ޚަބަރުތަކުގައި ވާގޮތުގައި ސޮނާކްޝީ ދަނީ މި ފިލްމުގެ ޑިރެކްޓަރުންނާއި އޭނާގެ ދެ ބޭބެ ކާސްޓު ކުރުމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އަދި މީގެ އިތުރުން ފިލްމުގެ ބަތަލަށް ހަމަޖެހިފައިވާ ވަރުން ދަވަން އާއިވެސް ސޮނާކްޝި ދަނީ ވާހަކަ ދައްކަމުން ކަމަށް މަޢުލޫމާތު ލިބެ އެވެ.
މި ފިލްމުގައި ދައްކުވައިދެނީ އެއްވައްތަރު ޖަހާ ދެ މީހުން ކަމުން ލަވް އާއި ކުޝް އަށް މިއީ ވަރަށް ފުރިހަމަ ރޯލުތަކެއް ކަން ސޮނާކްޝީ ވަނީ ބުނެފަ އެވެ.
ޖުޑްވާގެ ފުރަތަމަ ފިލްމުން މި ދެ ރޯލުންވެސް ފެނިގެންދިޔައީ ސަލްމާ ޚާން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް