ސިފައިންނަކީ މުއައްސަސާއެއް ފެއިލްވެއްޖެ ނަމަ ނުކުންނަން ތިބި މީހުން ކަމަށް އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސިފައިންގެ 125 އަހަރީ ދުވަހާ ގުޅިގެން ކަޅުތުއްކަލާ ކޮށީގައި ރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ގައުމު ފެއިލްވިޔަ ނުދީ ހިފަހައްޓަން ތިބީ ސިފައިން ކަމަށާއި އެކަމުގައި އެއްވެސް އިހުތިޔާރެއް ނޯންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެހެން މުއައްސަސާއަކުން ނުވާނޭ ބުނިނަމަވެސް އެ ޒިންމާއިން ރެކެން ސިފައިން ބުނާނެ އެއްޗެއް ނޯންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ސިފައިން މަސައްކަތް ކުރަންޖެހޭނީ އަމިއްލަ ކަންކަމަށް ވުރެ ގައުމު އިސްކޮށްގެން ކަމަށެވެ. އަދި ބަޔަކު ނުވަތަ ވަކި މީހަރު ރުއްސަން ސިފައިން މަސައްކަތް ކުރަން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"އެހެން ކޮންމެ ބަޔަކަށް ވެސް އަހަރެމެންނަކަށް ނުވާނޭ ކިޔާފައި ސިފައިން އަންނާނޭ މިކަންކުރަން ކިޔާފައި ދެވިދާނެ. އަޅުނގަޑުމެން ކޮންބައެއް އަންނާނެއޭ ކިޔާފައިތޯ ދާނީ،" މޭޖާ ޖެނެރަލް ޝިޔާމް ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވީ އެހެން މުއައްސަސާތަކެކޭ އެއްގޮތަށް ސިފައިންގެ މުއްސަސާ ފެއިލް ވިޔަސް އެ މުއައްސަސާ ނަގަހައްޓަން ތިބެންޖެހޭނީވެސް ސިފައިން ކަމަށެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ ސިފައިންނަށާއި ޑިފެންސް މިނިސްޓްރީއަށް އެކި ގޮތްގޮތުން އެހީތެރިވެދީފައިވާ ފަރާތްތަކަށް ޝުކުރު އަދާކޮށް ހަނދާނީ ލިޔުން ދީފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް