އިރާނުން ދޫދިނުމެއް ނެތް - ބުނީ ހަކަތައިގެ ނިޒާމަށް ހަަމަލަދީފިނަމަ ސަރަހައްދުގެ ހަކަތައިގެ ނިޒާމު ނެތިކޮށްލާނެކަމަށް

ހޯމުޒް ކަނޑުއޮޅި 48 ގަޑިއިރު ތެރޭ ނުހުޅުވައިފި ނަމަ އީރާނުގެ ޕަވާ ޕްލާންޓްތައް ސުންނާފަތިކުރާނެ ކަމަށް ޓްރަމްޕް އިންޒާރު ދިނުމާ ގުޅިގެން، އީރާނުން ވަނީ ރައްދުގައި ސަރަޙައްދީ އިންފްރާސްޓްރަކްޗާ ހަލާކުކ...

23 Mar 2026 | 02:14
އޮޕަރޭޝަން އެޕިކް ފިއުރީގައި ހަމަލަ ދިނުމަށް އެމެރިކާއިން ބޭނުންކުރާ ރޮކެޓް ލޯންޗަރެއް -

އޮޕަރޭޝަން އެޕިކް ފިއުރީގައި ހަމަލަ ދިނުމަށް އެމެރިކާއިން ބޭނުންކުރާ ރޮކެޓް ލޯންޗަރެއް -

ހޯމުޒް ކަނޑުއޮޅި 48 ގަޑިއިރު ތެރޭ ނުހުޅުވައިފި ނަމަ އީރާނުގެ ޕަވާ ޕްލާންޓްތައް ސުންނާފަތިކުރާނެ ކަމަށް ޓްރަމްޕް އިންޒާރު ދިނުމާ ގުޅިގެން، އީރާނުން ވަނީ ރައްދުގައި ސަރަޙައްދީ އިންފްރާސްޓްރަކްޗާ ހަލާކުކޮށްލާނެ ކަމަށް ބުނެ ވަރުގަދަ އިންޒާރެއް ދީފައެވެ.

ޓްރަމްޕް މި އިންޒާރު ދިނީ ހޮނިހިރު ދުވަހުގެ ރޭ ޓްރޫތް ސޯޝަލްގައި ކުރި ޕޯސްޓެއްގައެވެ. ޖީއެމްޓީ ގަޑިން 23:44 ގައި، ރާއްޖޭ ގަޑިން އާދީއްތަ ދުވަހުގެ ފަތިހު 4:44 ގައި ކުރި ޕޯސްޓުގައި ޓްރަމްޕް ބުނީ "މި ވަގުތުން ފެށިގެން 48 ގަޑިއިރު" ތެރޭ ކަނޑުއޮޅި ނުހުޅުވައިފި ނަމަ "އެންމެ ބޮޑު ޕްލާންޓުން ފެށިގެން" ހަމަލާ ދޭނެ ކަމަށެވެ. އެ މުހުލަތު ހަމަވާނީ ރާއްޖޭ ގަޑިން އަންގާރަ ދުވަހުގެ ފަތިހު 4:44 ގައެވެ.

މި އިންޒާރާ ގުޅިގެން އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރް ޤާލީބާފް އެކްސްގައި ލިޔެފައި ވަނީ، އީރާނުގެ ޕަވާ ޕްލާންޓްތަކާއި އިންފްރާސްޓްރަކްޗާ އަށް ހަމަލާ ދީފި ނަމަ، ގަލްފު ޤައުމުތަކުގެ ހަކަތައިގެ ވަސީލަތްތަކާއި ބޯފެނުގެ ޑީސެލިނޭޝަން ޕްލާންޓްތައް ހިމެނޭ ގޮތަށް ސަރަޙައްދީ އިންފްރާސްޓްރަކްޗާ "އަލުން އިޢާދަނުކުރެވޭވަރަށް" ހަލާކުކޮށްލާނެ ކަމަށެވެ. ޤާލީބާފް ފަހުން އިތުރަށް ބުނީ "އެމެރިކާގެ އަސްކަރީ ބަޖެޓަށް ފައިސާ ދޭ ފަރާތްތަކަކީވެސް ހަމަލާ ދެވިދާނެ ޖާއިޒު އަމާޒުތަކެއް" ކަމަށެވެ.

އީރާނުގެ ރެވޮލިއުޝަނަރީ ގާޑުން ބުނެފައި ވަނީ އީރާނުގެ ހަކަތައިގެ ނިޒާމަށް ހަމަލާ ދީފި ނަމަ ހޯމުޒް ކަނޑުއޮޅި "އެއްކޮށް" ބަންދުކުރާނެ ކަމަށާއި، ޕަވާ ޕްލާންޓްތައް އަލުން ބިނާ ނުކުރެވެނީސް ނުހުޅުވާނެ ކަމަށެވެ. އީރާނުގެ އަސްކަރިއްޔާ އިން ވެސް ބުނީ އީރާނުގެ ތެލާއި ހަކަތައިގެ ވަސީލަތްތަކަށް ހަމަލާ ދީފި ނަމަ، ސަރަޙައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލުގެ ހުރިހާ ހަކަތައިގެ އިންފްރާސްޓްރަކްޗާ އެއް އަމާޒަކަށް ހަދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް