ކޯވިޑް-19: މާލޭގެ ދެ ގެއެއް މޮނިޓަރިން ގައި

ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވެފައިވާ ބެލްޖިއަމްގެ ފުޓުބޯޅަ ކުޅުންތެރިޔާ މައުރޯނޭ ފެލައިނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރި އިރު ދިމާވި ދެމީހަކު މާލޭގައި ދިރިއުޅޭ ދެ ގެއެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެ...

23 Mar 2020 | 10:07

ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވެފައިވާ ބެލްޖިއަމްގެ ފުޓުބޯޅަ ކުޅުންތެރިޔާ މައުރޯނޭ ފެލައިނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރި އިރު ދިމާވި ދެމީހަކު މާލޭގައި ދިރިއުޅޭ ދެ ގެއެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

އެޗްޕީއޭއިން ވަނީ އެ ދެމީހުން އިއްޔެ ކޮރޯނާ ވައިރަސްއަށް ޓެސްޓުކޮށް އައިސޮލޭޓް ކުރުމަށް ވެލިދޫ އައިލެންޑް ރިސޯޓުގެ ކަރަންޓީން ފެސިލިޓީއަށްް ގެންގޮސްފައި އެވެ. އެ ދެމީހުންގެ ފަރާތުންވެސް ބަލީގެ އަލާމާތްތައް ފެންނަ ކަމަށް އިއްޔެ ބުނެފައިވެ އެވެ.

މިކަމާ ގުޅޭގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ޓެސްޓު ކުރި ދެމީހުން މާލޭގައި ދިރިއުޅޭ ދެ ގެ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ ދެ ގޭގައި ދިރިއުޅޭ މީހުން ވައިރަހަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެއީ ކޮން ސަރަހައްދެއްގައި ހުރި ގެއެއްކަން މަބްރޫކު ވިދާޅެއް ނުވެ އެވެ. އެކަމަކު ވިދާޅުވީ އެގޭގޭގައި ދިރިއުޅޭ ބައެއް މީހުންގެ ފަރާތުންވެސް އަލާމާތްތައް ފެންނާތީ ހުރިހާ އެންމެން ވައިރަހަށް ޓެސްޓު ކުރާނެ ކަމަށެވެ.

މަބްރޫކު ވިދާޅުވީ ފެލައިނީއާ ދިމާވެ ސަލާމްކޮށް މުއާމަލާތްކޮށްފައިވާ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ. އަދި އިލްތިމާސަކީ އެފަދަ ފަރާތެއް ހުރި ނަމަ އެޗްޕީއޭއަށް ވީހާވެސް އަވަހަކަށް އެންގުމެވެ.

އޭނާ ވިދާޅުވީ ފެލައިނީ ޗުއްޓީ ހޭދަކުރި ރީތި ރަށް ރިސޯޓުގައިވެސް އެޗްޕީއޭއިން ހަރަކާތްތެރިވަމުން ދާކަމަށާއި މިހާތަނަށް ބަލީގެ އަލާމާތެއް ހުރި މީހަކު ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.

އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އައީ މިމަހުގެ އަށް ވަނަ ދުވަހު އެވެ. ރީތި ރަށް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ފުރައިގެން ފެލައިނީ ޗައިނާއަށް ގޮސްފައިވަނީ މިމަހުގެ12 ވަނަ ދުވަހު އެވެ. އޭނާ ބައްޔަށް ޕޮސިޓިވްވިކަން ހާމަ ކުރީ މިމަހުގެ20 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް