މިސްކިތްތައް ވާންޖެހޭނީ ރައްކާތެރި ތަންތަނަށް ކަމަށާއި، އެއީ ބިރުވެރިކަން އުފައްދާ މީހުންގެ ޓާގެޓަކަށް ވެގެން ނުވާނެ ކަމުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މި މަހުގެ 15 ވަނަ ދުވަހު ނިއުޒިލެންޑްގެ ދެ މިސްކިތަކަށް ދިން ހަމަލާއާއި ގުޅިގެން ދީފައިވާ ބަޔާނެއްގައެވެ. އޭނާ ވިދާޅުވެފައިވަނީ ހުރިހާ އަޅުކަންކުރާ ތަންތަނަކީ ރައްކާތެރި ތަންތަނަށް ހެދުމުގެ އެކްޝަން ޕްލޭންއެއް އދ އިން ލޯންޗު ކުރާނެ ކަމަށެވެ.
އެންޓޯނިއޯ ގުޓެރެސް ވިދާޅުވީ މުޅު ދުނިޔެއިން ފެނިގެންދަނީ މުސްލިމުންނާއި ދެކޮޅުވެރި ކަމާއި ރުޅިވެރިކަން ކަމަށާއި، އެކަން ފެތުރިގެން ދަނީ ކެންސަރެއްހެން ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދަންޖެހޭ ކަމަށެވެ.
ނިއުޔޯކްގެ އިސްލާމިކް ކަލްޗަރަލް ސެންޓަރ ގެ މީޑިއާ އާ ވާހަކަ ދައްކަމުން ގުޓެރެސް ހާމަކުރީ އޭނާ ހުރީ މުސްލިމުންނާ އެކުގައި ކަމަށެވެ.
އަދި އެ ހަމަލާއަކީ މީހުންނަށް ހައިރާންކަން ގެނުވި ކަމަކަށް ވީނަމަވެސް މުސްލިމުންނާ ދެކޮޅުވެރިކަން މުޅި ދުނިޔޭގައި އަލިފާންގަނޑެއްހެން ފެތުރިގެން ދާއިރު މިއީ ވާނެ ކަންތައްތަކެއްކަން އެންމެނަށްވެސް އިނގޭ ކަމަށެވެ.
މި މަހުގެ 15 ވަނަ ދުވަހު ނިއުޒިލޭންޑްގެ ކްރިސްޓްޗާޗް ސަރަހައްދުގައި ހުންނަ ދެ މިސްކިތަކަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއެއްގައި 50 މީހަކު މަރާލާފައިވެއެވެ. އެ ހަމަލާގައި އެތައް ބަޔަކު ޒަހަމްވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް