ތާޖުއްދީން ސްކޫލުގެ އަހަރީ ޖަލްސާގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގަނެފި

ތާޖުއްދީން ސްކޫލަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު އެ ސްކޫލުން އިންތިޒާމްކޮށްގެން ބޭއްވެވި ހަރަކާތްތަކުގައި ދިވެހިރާއްޖޭގެ ފަސްޓްލޭޑީ، ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ...

23 Mar 2019 | 05:37

ތާޖުއްދީން ސްކޫލަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު އެ ސްކޫލުން އިންތިޒާމްކޮށްގެން ބޭއްވެވި ހަރަކާތްތަކުގައި ދިވެހިރާއްޖޭގެ ފަސްޓްލޭޑީ، ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ. އެކަމަނާ ބައިވެރިވެވަޑައިގަތީ، ތާޖް ރަންގެ ނަމުގައި ބޭއްވެވި ދުވުމުގެ ހަރަކާތުގައާއި ތާޖް އެނިވަރސަރީގެ ޚާއްޞަ ރަސްމިއްޔާތުގައެވެ.

ތާޖް އެނިވަރސަރީ ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވެވި މި ޚާއްޞަ ރަސްމިއްޔާތުގައި ތާޖުއްދީން ސްކޫލްގައި 20 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަކަށް ޚިދުމަތްކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، އެ މުވައްޒަފުންނަށް ހަނދާނީ ފިލާ ދެއްވުންވެސް އޮތެވެ. އެފަރާތް ތަކަށް ހަނދާނީ ފިލާ ދެއްވީ ފަސްޓްލޭޑީ ފަޒްނާ އަޙްމަދެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން އެކި ދުވަސްވަރު ތާޖުއްދީން ސްކޫލުގައި ތަޢުލީމު ހާސިލުކުރެއްވި ގިނަ އަދަދެއްގެ ބޭފުޅުންނާއި އެ ސްކޫލްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ތާޖުއްދީން ސްކޫލްގެ އެނިވަރސަރީ މެގަޒިން އިފްތިތާޙްކޮށްދެއްވާފައެވެ. އަދި އެ ސްކޫލާއި ގުޅޭގޮތުން ޚާއްޞަ ކުއިޒެއް ވެސް މި ރަސްމިއްޔާތުގައި ވަނީ ބާއްވަވާފައެވެ.

ތާޖް ރަން ދުވުމުގެ ހަރަކާތް ފަށާފައި ވަނީ ސޯޝަލް ސެންޓަރ ޞަރަހައްދުންނެވެ. އަދި އެނިވަރސަރީގެ ޚާއްޞަ ރަސްމިއްޔާތު އޮތީ ހެންވޭރު ދަނޑުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް