ނުރައްކާތެރި ކޮރޯނާ ވައިރަސް ޗައިނާ ނޫން އެހެން ގައުމުތަކުގައި ފެތުރެމުންދާ ވަރު އިތުރުވެފައިވާތީ ބައެއް ގައުމުތަކަށް ދަތުރު ކުރުމުގައި ދިވެހިން ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގާފައިވަނީ ހަތް ގައުމަކަށެވެ. އެއީ ސިންގަޕޫރު، ސައުތް ކޮރެއާ، ހޮންގްކޮންގް، ޖަޕާން، އިޓަލީ، އީރާން އަދި ތައިލެންޑެވެ.
އެޗްޕީއޭއިން ބުނީ އެ ގައުމުތަކުގައި ޗައިނާއަށް ދަތުރުކޮށްފައި ނުވާ މީހުންގެ ގައިންވެސް ކޮރޯނާ ވައިރަސް ފެންނަން ފަށާފައިވާ ކަމަށެވެ. މި ގައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވާން އަންގަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
އެ އިދާރާއިން ވަނީ ރާއްޖެއިން ބޭރަށް ދަތުރު ކުރާނަމަ ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ދަތުރު ކުރާ ގައުމެއްގައި ބަލި ފެތުރޭ މިންވަރާއި ސަރަހައްދު ދެނެގަތުން.
އެ ގައުމުތަކުގެ ސަރުކާރުން ރައްކާތެރިކަމަށް އަޅަމުންދާ ފިޔަވަޅުތައް ދެނެގަނެ، އެ ފިޔަވަޅުތައް އަމިއްލައަށް އެޅުން.
ރޯގާ ޖެހި ހުން އައިސްތިބޭ މީހުންނާ ކައިރި ނުވުން
ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުން
ދަތުރަށް ފަހު އެނބުރި އައިސް ހުން އައިސް ރޯގާ ޖެހޭނަމަ ގޭގައި މަޑު ކުރުން އަދި އޭގެ ފަހުން ޑޮކްޓަރެއްގެ ލަފާ ހޯދުމެވެ.
އެޗްޕީއޭއިން ބުނީ މި ދުވަސްވަރު ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް އެއްވެ ނޫޅުމަށްވެސް އިލްތިމާސް ކުރާ ކަމަށެވެ.
ކޮރޯނާ ވައިރަސްގަ މިހާތަނަށް ދެ ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ޗައިނާއަށްވުރެ ހަލުވި ކަމާއެކު މިހާރު ބަލި ފެތުރެމުންދަނީ އެހެން ގައުމުތަކުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް