އަލީ ވަހީދު ދެއްކި ވާހަކަތައް ބަލައިދިނުމަށް ނަހުލާ ރައީސަށް ހުށަހަޅުއްވައިފި

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއަށް ޖިންސީ ފުރައްސާރަކޮށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވާ އޯޑިއޯއެއް އާންމުވުމުން އެ މައްސަލަ ބަލައި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހ...

23 Feb 2020 | 09:20

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއަށް ޖިންސީ ފުރައްސާރަކޮށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވާ އޯޑިއޯއެއް އާންމުވުމުން އެ މައްސަލަ ބަލައި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ނަހުލާ އެދިވަޑައިގެންފި އެވެ.

ނަހުލާ އެ މައްސަލަ ބަލައި ދިނުމަށް ރައީސަށް ހުށަހެޅުއްވިކަން ރައީސް އޮފީހުން ދުވަހަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. އިތުރު ތަފްސީލް ހާމައެއް ނުކުރެ އެވެ.

އަލީ ވަހީދާއި އިތުރު ބަޔަކު ތިބޭ ތަނެއްގައި ދައްކާ ވާހަކަތަކެއް ކަމަށް ބެލެވޭ އެ އޯޑިއޯގައި އަލީ ވަހީދު ވަނީ ނަހުލާއަށް ގުޅައި ފުރައްސާރަ ކުރާ ގޮތަށް ވާހަކަދައްކާފައެވެ. އަދި ފޯނު ބޭއްވުމަށް ފަހު ނަހުލާ އޭނާގެ ކިބައިން ޖިންސީ އަމަލަކަށް އެދިފައިވާ ކަމަށާ އިތުރު ބަޔަކާއެކު އެކަން ކުރަން ވެސް އެންމެ ރަނގަޅު ކަމަށް ބުނާ އަޑު އިވެއެވެ.

އެ ވާހަކަތަކަށް ކައިރީގައި ތިބި މީހުން ހީނ، ފުރައްސާރަ ކުރާ އަޑު ވެސް އިވެ އެވެ. މީގެ އިތުރުން ދީނުގައި ހުއްދަ ނޫން ބައެއް ކަންކަން ކުރަން ރިސޯޓަކަށް ދާންޖެހޭ ކަމަށް ބުނެފައި ވެއެވެ.

މި މައްސަލައިގަ ފުލުހުން ތަހުގީގު ކުރަމުންދަނީ ޖިނާއީ ކުށަކާއި ގުޅޭގޮތުން ދެކެވުނު ވާހަކަތަކެއް ކަމަށް ފުލުހުން ބުނެ އެވެ. އެކަމަކު ތަފްސީލް ހާމައެއް ނުކުރެ އެވެ.

ނަހުލާގެ އިތުރުން ކެބިނެޓްގައި ހިމެނޭ ތިން މިނިސްޓަރަކާއި ގުޅޭގޮތުން ވަރަށް ފުރައްސާރަކޮށް، ވަރަށް ހުތުރުކޮށް އަލީ ވަހީދު ވާހަކަ ދައްކަވާފަ ވެއެވެ. އޭގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ހިމެނިވަޑައިގެންނަވަ އެވެ.

މި އޯޑިއޯތައް ލީކުވުމުން އަލީ ވަހީދު ވަނީ އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމުގެ ހަގީގަތް ތަހުގީގު ކުރުމުން އެނގޭނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު މިިހާތަނަށް އޯޑިއޯތަކުގެ މައްސަލަ ތަހުގީގުކޮށް ދިނުމަށް ފުލުހުންނަށް އެއްވެސް ފަރާތަކުން ހުށަހަޅާފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް