ޝިފްޒާ އެދުނު މައުލޫމާތު 45 ދުވަސް ތެރޭގަ ދޭން ޓޫރިޒަމަށް އައިކޮމްއިން އަންގައިފި

އަމިއްލަ ފަރާތަކުން ޓޫރިޒަމް މިނިސްޓްރީގައި ހާމަކޮށްދޭން އެދުނު ރަށްތަކަކާއި ފަޅުތަކެއްގެ މައުލޫމާތު އެމީހާއަށް45 ދުވަސް ތެރޭގައި ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރު އަންގަވައިފި އެވެ. އެ މައްސަލަ އިންފޮ...

23 Feb 2020 | 08:45

އަމިއްލަ ފަރާތަކުން ޓޫރިޒަމް މިނިސްޓްރީގައި ހާމަކޮށްދޭން އެދުނު ރަށްތަކަކާއި ފަޅުތަކެއްގެ މައުލޫމާތު އެމީހާއަށް45 ދުވަސް ތެރޭގައި ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރު އަންގަވައިފި އެވެ.

އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެީި ޝިފްޒާ ނަމަކަށް ކިޔާ މީހަކު ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅި ސިޓީގައި ހޯދަން އެދުނު މައުލޫމާތު ދޭން ދެކޮޅު ހަދައި ނުދޭން އުޅޭ ސަބަބު ހާމަ ނުކުރުމުންނެވެ. ފަޅުރަށްތަކަކާއި ލީސް އެގްރިމެންޓުތަކެއްގެ މައުލޫތު ހާމަކޮށްދިނުމަށް އެދި މައްސަލަ ޝިފްޒާ ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

އެ މައްސަލައިގަ މިއަދު އޮތް ދެވަނަ އަޑުއެހުމުގައި ދެފަރާތުގެ ބަސް އަޑުއެހުމަށް ފަހު އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު ވިދާޅުވީ އޭނާ އެދުނު ރަށްތަކުގެ މައުލޫމާތަކީ ސިއްރު ކުރެވޭނެ މައުލޫމާތެއް ނޫން ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ދޫކޮށްފައިވާ ފަޅު ރަށްތަކުގެ މައުލޫމާތު ހިމެނޭ "ބުރަބި" ފޮތުގައި ފަޅު ރަށްތައް ލީސް ކުރި ގޮތުގެ ތަފްސީލް މައުލޫމާތު ހުރުމުން ކަމަށެވެ.

އެހެންވެ  48 ރަށާއި ފަޅުތައް ކުއްޔަށް ދިން ގޮތުގެ މައުލޫމާތު ޝިފްޒާ އަށް ފޯރުކޮށްދީ، ސަބްލީސް އެގްރީމެންޓްތަކުގެ ތެރެއިން ދައުލަތުގެ ކުންފުނިތަކަށް ދީފައިވާ ތަނެއް ވާނަމަ އެ އެއްބަސްވުމުގެ މައުލޫމާތު ހިއްސާކުރަން ފިޔާޒް ވަނީ އަންގަވައިފައެވެ.

މި މައުލޫމާތު އާންމު ކުރުމުގައި ޓޫރިޒަމް މިނިސްޓްރީން ދެކޮޅު ހަދަނީ ތިން ވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ މައުލޫމާތެއް ކަމަށްވާތީ އެވެ. އެ މިނިސްޓްރީގެ ލީގަލް އޮފިސަރު ޝުކުރާނާ މުހައްމަދު ވިދާޅުވީ މައުލޫމާތު ހޯދަން އެދުނު ރަށްތައް ކުއްޔަށް ދިނުމަށް ވެފައިވާ އެގްރީމެންޓްތަކުގެ ލީސް އެއްބަސްވުންތަކަކީ އެ ވުޒާރާއިން ވެފައިވާ އެއްބަސްވުންތަކެއް ނޫން ކަމަށާއި އެ އެއްބަސްވުންތައް ވެފައި ވަނީ އެ ވުޒާރާއިން އެ ރަށްތަކާއި ފަޅުތައް ކުއްޔަށް ދިން ކުންފުންޏާއި އެހެން ކުންފުނިތަކާއި ދެމެދުގައި ކަމަށެވެ.

އައިކޮމްއިން ހާމަކުރަން އެންގީ ސަބްލީސް އެއްބަސްވުމުގެ ތެރޭގައި ހުރި ދައުލަތުގެ ކުންފުނިތަކަށް ދީފަ ހުރި ތަންތަނުގެ މައުލޫމާތާއި، އަމިއްލަ ކުންފުނިތަކުން އެހެން އަމިއްލަ ކުންފުނިތަކާއި އެކު ވެފައިހުރި އެއްބަސްވުންތަކުގެ ތެރެއިން ރައްޔިތުންނާއި ގުޅުން ހުރި އެއްބަސްވުންތަކެވެ. އެކަމަކު އާންމުކޮށް ސަބް ލީޒް ނުވަތަ ކުންފުންޏަކުން އެހެން ކުންފުންޏަކާއި އެކު ވެފައިވާ އެއްބަސްވުންތައް ހާމަ ކުރަން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންނާއި ގުޅުން ހުރި އެއްބަސްވުންތަކުގެ ގޮތުގައި ފިޔާޒު ފާހަގަ ކުރައްވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅުން ހުރި އެއްބަސްވުންތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް