އިންތިހާބަށް މުއިޒު ފޯމް ހުށަހެޅި ފަހުން ފުލުހަށް ހާޒިރު ކުރަނީ ކީއްކުރަން: އާޒިމް

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް ކުއްލިއަކަށް ރޭ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަކީ ކުރިޔަށް އޮތް ކައުންސިލް އިންތިހާބައި ގުޅުވާ ކުރެއްވި ކަމެއްތޯ ވެރިކަން ކުރާ އެމްޑީޕީގެ ޕީޖީ ޑީލަ...

23 Feb 2020 | 06:54

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް ކުއްލިއަކަށް ރޭ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަކީ ކުރިޔަށް އޮތް ކައުންސިލް އިންތިހާބައި ގުޅުވާ ކުރެއްވި ކަމެއްތޯ ވެރިކަން ކުރާ އެމްޑީޕީގެ ޕީޖީ ޑީލަރު އަލީ އާޒިމް ސުވާލު ކުރައްވައިފި އެވެ.

ރޭ މުއިޒު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ ނޫމަޑީ މައްސަލައިގަ ދައުލަތާ ދެކޮޅަށް އާބިޓްރޭޝަން މަރުހަލާގައި ބަޔާނެއް ދެއްވި މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށެވެ. އެ މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހު އެވެ.

ރޭ ކުއްލިއަކަށް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމުން މުއިޒު ވިދާޅުވީ މައްސަލަ ހުށަހެޅިތާ އެހާ ދުވަސްވީފަހުން ފުލުހަށް ހާޒިރުކޮށް ބަޔާން ނަގަނީ އޭނާ އިންތިހާބުގައި ވާދަ ކުރައްވާތީ ކަމަށެވެ. މިކަންކަމުން ސިފަވަނީ ސިޔާސީ ގޮތުން މުއިޒުގެ މަސައްކަތަށް ސަރުކާރުން ހުރަސް އަޅަން މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރޭ ފުލުހުންގެ އިދާރައަށް މުއިޒު ހާޒިރު ކުރަން އަންގާފައިވާ ހަބަރަކާއި ގުޅުވައި މީހަކު ކުރި ޓުވީޓެއް ރީޓުވީޓު ކުރައްވާ އާޒިމް ވިދާޅުވެފައިވަނީ އޭނާ މުއިޒަށް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި މިހާރު ކުއްލިއަކަށް އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ ކީއްވެތޯ ސުވާލު ކުރެއްވި އެވެ.

އަދި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާކަން މުއިޒު އިއުލާނު ކުރެއްވިފަހުން ފުލުހަށް ހާޒިރު ކުރަނީ ކީއްވެތޯ އާޒިމް ސުވާލު ކުރެއްވި އެވެ. މީގެ އިތުރުން ވިދާޅުވެފައިވަނީ އެއީ އެހާ އާދައިގެ ކަމެއް ނޫން ކަމަށެވެ.

https://twitter.com/Ziyamysterio/status/1231238131262705664

އެ މައްސަލައިގަ ދައުލަތުން ވަނީ ނޫމަޑިއަށް ސެޓްލްމެންޓު އެގްރިމެންޓެއްގެ ދަށުން ބަދަލުގެ ގޮތުގައި55 މިލިއަން ޑޮލަރު ދީފަ އެވެ. ސަރުކާރުން ބުނީ އާބިޓްރޭޝަން މަރުހަލާގައި ސަރުކާރުގެ ދިފާއު ބަލިވީ މުއިޒު ދެއްވި ބަޔާނުގެ ސަބަބުން ކަމަށެވެ.

މުއިޒާއި އެކު އެމްޑީޕީން މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވަނީ އަނަސް އަބްދުއްސައްތާރެވެ. ދެން ވާދަ ކުރައްވަނީ އަމިއްލަ ގޮތުން އަލްހާން ފަހުމީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް