ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ޑޮކްޓަރުންނަކީ ބައިނަލްއަގުވާމީ މިންގަނޑުތައް ގަބޫލުކުރާ ތައުލީމާއި ތަމްރީނު ހޯދާފައިވާ، މުވައްޒަފުން ކަމަށް އެ ހޮސްޕިޓަލުން ބުނެފ އެވެ.
އައިޖީއެމްއެޗުން މިހެން ބުނީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރަކު ބޭސް ދެނީ އިންޓަނެޓުން ބަލައިގެން ކަމަށް ބުނެ މީހަކު ސޯޝަލް މީޑީއާގައި ފާޑު ކިޔާފައިވަނިކޮށެވެ. އެމީހާގެ ޕޯސްޓާއި ގުޅިގެން ގިނަބައެއްގެ ނުރުހުން އަމާޒުވުމުން ފަހުން ޕޯސްޓު ވަނީ ޑިލީޓުކޮށްލާފަ އެވެ. އޭގައި އެމީހާ ވަނީ ސަރުކާރާއި، އައިޖީއެމްއެޗަށް އަދި އެ ޑޮކްޓަރަށް ވަރަށް ބޮޑަސް ފާޑުކިޔާފަ އެވެ.
އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނަކީ ރާއްޖޭގެ ކަމާ ބެހޭ ކައުންސިލުތަކުގެ އިމްތިހާނުތަކާއި އެހެނިހެން އިޖުރާއަތުތައް ފުރިހަމަކޮށް، އެ ކައުންސިލުތަކުގައި ރަޖިސްޓްރީވެފައި ތިބި މުވައްޒަފުން ކަމަށެވެ. އެ ހޮސްޕިޓަލުން ބުނީ ބޭހެއް ދިނުމުގެ ކުރިން ޑޯޒް ދޭ މިންވަރު ކަށަވަރު ކުރުމަށް ޑޮކްޓަރުން ރިއާއަތް ކުރާ ޑޭޓާބޭސްތަކާއި، ސޮފްޓްވެއާ ނުވަތަ އެޕްތަކާއި، މެޑިކަލް ކަލްކިއުލޭޓަރު ފަދަ ތަކެތި މުވައްޒަފަކު ބޭނުން ކުރުމަކީ އެ މުވައްޒަފެއްގެ ގާބިލުކަމާ މެދު ސުވާލު އުފެދޭ ކަމެއް ނޫންކަމަށެވެ.
ސިއްހީ ހިދުމަތްތެރިންނަކީ އިންސާނީ ހިދުމަތުގައި 24 ގަޑިއިރު ތިބޭ ބައެއް ކަމަށްވީއިރު، އެއްވެސް އަސާސެއް ނެތި އެ މީހުންގެ ގާބިލުކަމާ މެދު ސުވާލު އުފައްދައި، މުވައްޒަފުންނަށް މަލާމާތާއި ފުރައްސާރަ ރައްދުވާ ގޮތަށް ކުރާ ކަންކަން ބަލައި ނުގަންނާނެ ކަމަށް ބުނެފައިވެ އެވެ. އަދި މިގޮތަށް އަމަލު ކުރާނަމަ ގާނޫނުގެ ތެރެއިން އަޅަންޖެހޭ ފިޔަަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށެވެ.
އެމީހާގެ ޕޯސްޓާއި ގުޅިގެން ގިނަ އާންމުންނާއި ޑޮކްޓަރުން ވަނީ އެ ޑޮކްޓަރުގެ ދިފާއުގައި ސޯޝަލް މީޑިއާގައި ވާހަކަދައްކާފަ އެވެ. އަދި ރާއްޖޭގެ މަޝްހޫރު ޑޮކްޓަރުން ވަނީ އެމީހުންވެސް ބޭހާ ގުޅޭ މައުލޫމާތު ގޫގުލް މެދުވެރިކޮށް ހޯދާ ކަމަށް ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް