އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކޮށްދިނުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކޯލިޝަނުން އެދެފި އެވެ.
މީގެކުރިން ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ވެސް ޕީޕީއެމްއިން އެދުނެވެ. އެގޮތަށް އެދުނީ ސިވިލް ކޯޓުގަ އެވެ. ޕީޕީއެމްއިން އެދުނު ގޮތަށް އެ ފަހަރު އިންތިހާބު ކޯޓުން ފަސްކޮށްދިނެވެ.
ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި، މިވަގުތު މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވާނެ މާހައުލެއް ނެތެވެ. އެހެންވެ އިލެކްޝަން ކޮމިޝަނަށާއި މަޖިލީހަށް ސިޓީ ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ.
އިންތިހާބު ފަސްކުރުމަށް ޕީޕީއެމް ކޯލިޝަނުން އެދިފައިވޭތޯ ސުވާލު ކުރުމުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ އަދި އެފަދަ ސިޓީއެއް އެކޮމިޝަނަށް ލިބިފައިވާކަން އެނގިފައި ނުވާކަމަށެވެ. ނަމަވެސް އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީއަކުން މަޖިލިސް އިންތިހާބު ފަސްކުރަން އެދުނު ނަމަވެސް އެކަން ކުރުމަށް ގާނޫނުތަނެއް ނުދޭ ކަމަށެވެ.
މިނިވަން މާހައުލެއް ނެތް ކަމަށް ޕީޕީއެމްއިން ބުނާއިރު އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އޭގެ އިތުރުން އެ ޕާޓީގެ ޕީޖީ ލީޑަރުގެ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް