އިންތިހާބުގެ ކުރިން އީޔޫގެ ހުށަހެޅުންތައް ތަންފީޒުކުރުމަށް މަސައްކަތް ކުރާނަން: ސަރުކާރު

ރިޔާސީ އިންތިހާބުގެ ކުރިން ޔޫރަޕިއަން ޔޫނިއަންގެ ހުށަހެޅުންތައް ތަންފީޒު ކުރުމަށްޓަކައި ސަރުކާރުން މަސައްކަތްކުރައްވާނެ ކަމުގައި ސަރުކާރުން ހާމަކުރައްވައިފި އެވެ. ސަރުކާރުން މިކަން ހާމަކުރައްވާފައިވަނ...

22 Feb 2018 | 19:15

ރިޔާސީ އިންތިހާބުގެ ކުރިން ޔޫރަޕިއަން ޔޫނިއަންގެ ހުށަހެޅުންތައް ތަންފީޒު ކުރުމަށްޓަކައި ސަރުކާރުން މަސައްކަތްކުރައްވާނެ ކަމުގައި ސަރުކާރުން ހާމަކުރައްވައިފި އެވެ.

ސަރުކާރުން މިކަން ހާމަކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ޤާނޫނު ނަންބަރު: 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އާއި، ޤާނޫނު ނަންބަރު: 2008/12 (ރިޔާސީ އިންތިޚާބާ ބެހޭ ޤާނޫނު) ގެ ދަށުން 2018 ގެ ރިޔާސީ އިންތިޚާބު ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން، މި އަހަރުގެ ސެޕްޓެންބަރުމަހުގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ތައްޔާރުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާކަމަށާއި، މި އިންތިޚާބު ރަސްމީކޮށް ޤާނޫނުގައިވާ ގޮތުގެމަތިން ޖުލައިމަހުގައި އިޢުލާނުކުރުމަށް ކުރަންޖެހޭ މަސައްކަތްވެސް ކުރަމުން ގެންދަވާކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވިދާޅުވުމުން މިކަމަށް ސަރުކާރުން މަރުހަބާ ކިޔުމަށް ނެރެފައިވާ ނޫސްބަޔާނެއްގައި އެވެ.

" އިންތިޚާބުތަކުގައި އެހެން ފަހަރުތަކެކޭ އެއްފަދައިން ބައިނަލްއަޤްވާމީ ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާނޭކަމަށާއި، ޚާއްޞަގޮތެއްގައި ދައުލަތާއެކު އިންތިޚާބުގެ ޤާނޫނީ އަދި އިދާރީ އޮނިގަނޑު ދިރާސާކުރެއްވުމަށްފަހު، ޔޫރަޕިއަން ޔޫނިއަނުން ދެއްވާފައިވާ ހުށަހެޅުންތައް ތަންފީޛުކުރުމަށްޓަކައި ސަރުކާރުން މަސައްކަތްކުރަމުން ގެންދާކަމުގައިވެސް ދަންނަވަމެވެ." ސަރުކާރުގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ  ގެ ފަހުން ދިވެހިރާއްޖޭގައި މިހާތަނަށްވެސް ބާއްވާފައިވާ އިންތިޚާބުތަކަކީ، މިނިވަން އަދި އިންސާފުވެރި އިންތިޚާބުތަކެއްކަމުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި އަދި ބޭރުގެ ފަރާތްތަކުން ޤަބޫލުކޮށް އެކަން އިޢުލާނުކޮށްފައިވާކަން ފާހަގަކުރަމުން، މި އަހަރުގެ ރިޔާސީ އިންތިޚާބަކީވެސް، މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރާނެކަމުގެ ޔަގީންކަން ދިވެހި އެންމެ ރައްޔިތުންނަށާއި، އަދި ބޭރުގެ ފަރާތްތަކަށް ސަރުކާރުންދޭ ކަމަށެވެ.

ހަމައެއާއެކު، ޑިމޮކްރެސީއެއްގެ ބިންގަލަކީ މިނިވަން އިންސާފުވެރި ޢަދުލުވެރި އިންތިޚާބަކަށްވީހިނދު، މިއީ ޤައުމުގެ ހަމަޖެހުމާއި ކުރިއެރުން ދެމިއޮތުމަށްވެސް އެހާމެ މުހިންމުކަމެއް ކަމަށާއި ހަމައެއާއެކު ކުރީފަހަރުތަކެކޭ އެއްފަދައިން ރިޔާސީ އިންތިޚާބުގެ ކަންކަން ދިވެހިރާއްޖޭގައި ކުރިޔަށްދާގޮތް ބެލުމަށް، ދިވެހިރާއްޖެއަށް އަންނަ، ބޭރުގެ ފަރާތްތަކަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔާނެކަމަށްވެސް ބަޔާނުގައި ދަންނަވާފައި ވެ އެވެ.

އަދި ޤައުމީ މަސްލަހަތު އިތުރަށް ގޯސްވެދާނެފަދަ ޢަމަލުތައް ނުކުރެއްވުމަށާއި، ރާއްޖޭގެ އާންމު ޙާލަތު އިޢާދަކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތްތަކަށް ހުރަސްއެޅޭފަދަ ކަންތައްތަކުން އެއްކިބާވެތިބުމަށް ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ފަރާތްތަކަށާއި، ބޭރުގެ ފަރާތްތަކަށް ދިވެހި ސަރުކާރުން އިލްތިމާސްކުރާކަމުގައިވެސް އެ ބަޔާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް