އެވަޓަން ކޯޗުކަމުގެ މަޤާމުން ލަމްޕާޑް ވަކިކޮށްފި

އެވަޓަންގެ ކޯޗުކަމާ މި ދިޔަ އަހަރު ހަވާލުވި ފްރެންކް ލަމްޕާޑް، މަގާމާ ހަވާލުވިތާ އަހަރު ދުވަސްވެސް ނުވަނީސް ވަޒީފާ އިން ވަކިކޮށްފި އެވެ. މިދިޔަ ހޮނިހިރު ދުވަހު އެވަޓަން ވަނީ ލީގުގެ 16 ވަނާގައި އޮތް ވެ...

23 Jan 2023 | 17:53

އެވަޓަންގެ ކޯޗުކަމާ މި ދިޔަ އަހަރު ހަވާލުވި ފްރެންކް ލަމްޕާޑް، މަގާމާ ހަވާލުވިތާ އަހަރު ދުވަސްވެސް ނުވަނީސް ވަޒީފާ އިން ވަކިކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އެވަޓަން ވަނީ ލީގުގެ 16 ވަނާގައި އޮތް ވެސްޓްހަމް ޔުނައިޓެށް އަތުން ބަލިވެ ރެލިގޭޝަން ޒޯނަށް ވެއްޓިފަ އެވެ. އެއީ ލަމްޕާޑް އެވަޓަނަށް ކޯޗުކޮށްދިން ފަހު މެޗެވެ.

ކުރިން ޗެލްސީއަށް ވެސް ކޯޗުކޮށްދިން ލަމްޕާޑް، އެވަަޓަންގެ ވަޒީފާއާ ހަވާލުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ. އެގާރަ މަހެއްހާ ދުވަހު އެވަޓަންގެ ކޯޗުކަން ލަމްޕަޑް ކުރިއިރު، އޭނާގެ އިރުޝާދުގެ ދަށުން އެވަޓަން ކުޅުނު 44 މެޗުގެ ތެރެއިން މޮޅުވީ 12 މެޗުންނެވެ. 24 މެޗުން ބަލިވިއިރު، އަށް މެޗުން ވަނީ އެއްވަރުވެފައެވެ.

އެވަޓަން މި ވަގުތު އޮތީ ކުޅުނު 20 މެޗުން ލިބުނު 15 ޕޮއިންޓާ އެކު ރެލިގޭޝަން ޒޯނުގައެވެ. އެއީ ލީގުގެ 19 ވަނައެވެ. އެވަޓަން އިން ލަމްޕާޑް ވަކިކުރިކަން ހާމަކުރަން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ ދާއިމީ ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށްދާނެ ކަމަށެވެ.

ދެން އެވަޓަންއާ ހަވާލުވާނެ ކޯޗުންގެ ނަންތަކުގެ ތެރެއިން މި ވަގުތު އިނގިރޭސި މީޑިއާގައި އެންމެ ނަން ހިނގަނީ އެންމެ ފަހުން ބާންލީ އެފްސީ އަށް ކޯޗުކޮށްދިން ޝޯން ޑައިޗް އެވެ. މީގެ އިތުރުން އެވަޓަންގެ ކުރީގެ ފޯވާޑް ވޭން ރޫނީ އާއި  ޑަންކަން ފާގަސަން އަދި މާސެލޯ ބިއެލްސާ އަކީވެސް ލިސްޓުކުރެވިފައިވާ ކޯޗުންގެ ނަންތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް