ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ރިހިބިލިޓޭޝަން ސެންޓަރުތަކުގެ ފަރުވާ ޕްރޮގްރާމު ފުރިހަމަކޮށް 2022 ވަނަ އަހަރު މުޖުތަމައަށް 257 މީހުން ނިކުމެފައިވާ ކަމަށް އެންޑީއޭ އިން ހާމަކޮށްފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެންޑީއޭގެ ސީއީއޯ އިމާދު ސޯލިހު މިއަދު ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި އެންޑީއޭގެ ސެންޓަރުތަކުގެ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރު ކުރެވިފައިވާ ކަމަށެވެ. ކުރިން ފަރުވާދެމުން ގެންދިޔައީ 87 މީހުންގެ ޖާގައާއި އެކީގައި ކަމަށާއި މިހާރު 250 މީހުންނަށް ކެޕޭސިޓީ އިތުރުކުރެވިފައިވާ ކަން ފާހަގަކުރެއްވި އެވެ.
އަދި ތެރެޕިއުޓިކް ފަރުވާތައް އިތުރުކުރުމުގެ ގޮތުން އިތުރު ސައިކޭޓްރިސްޓުންނާއި ސައިކޮލޮޖިސްޓުން ހޯދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނިމިދިޔަ އަހަރު 257 މީހެއް އެ އޭޖެންސީގެ ފަރުވާ ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކުގެ ތެރޭގައި 233 ފިރިހެނަކާއި 24 އަންހެނުން ހިމެނެ އެވެ. އަދި އެންޑީއޭއިން ޖުމުލަ 727 އެސެސްމެންޓަކާއި ހަވާލުވެފައިވާކަމުގައި އެބޭފުޅުން ހާމަކުރެއްވިއެވެ.
އެގޮތުން 2022 ވަަނަ އަހަރު ކޯޓުން ހަވާލުކުރި 619 އެސެސްމެންޓަކާއި އަމިއްލައަށް އެ އޭޖެންސީގެ ފަރުވާއަށްއެދުނު 106މީހަކާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި ޖުވެނައިލް ކޯޓުން ހަވާލުކުރި އެސެސްމެންޓެއްހިމެނެއެވެ.
އެންޑީއޭއިން އަންނަނީ މުޖުތަމައުގައި އިތުރު ޕްރޮގްރާމްތަކެއް ހިންގުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހދ. ކުޅުދުއްފުށީގައި މި މަހުގެ 26 ވަނަ ދުވަހު ކޮމިއުނިޓީ ޕްރޮގްރާމެއް ފެށުމަށް އެ އޭޖެންސީގެ މުއައްޒަފުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މަސްތުވާތަކެތީގެ ވަބާއިން އަމިއްލައަށް ސަލާމަތްވާން ބޭނުންވެ އެންޑީއޭގެ އެހީއަށް އެދޭ މީހުންނަށް އަބަދުވެސް އެ ދޮރު ހުޅުވިފައި ހުންނާނެ ކަމުގައާއި، އެފަދަ މީހުންނަށް އިސްކަންދޭނެ ކަމުގައި އެންޑީއޭގެ ސީއީއޯ އިމާދު ވިދާޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް