ޕޮލަންޑް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމަށް ޕޯޗުގަލްގެ ކުރީގެ ކޯޗު ފެނާންޑޯ ސަންޓޯސް ހަމަޖައްސަން އުޅޭކަމަށް މިޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކުރިއަށް އޮތް ހަފްތާ ތެރޭގައި އުމުރުން 68 އަހަރުގެ ސަންޓޯސްއާއި އެކު އެއްބަސްވުމުގައި ޕޮލަންޑް ފުޓްބޯޅަ ފެޑެރޭޝަނުން ސޮއިކުރާނެވެއެވެ. އަދި ޕޮލަންޑް ފުޓްބޯޅަ ފެޑެރޭޝަނުން ސަންޓޯސް އާއި އެކު މަޝްވަރާ ކުރަން ފެށީ ހުސްވި ހަފްތާގެ ތެރޭގައި ކަމަށް ވެސް މިޑިއާ ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.
އަދި މިހާރު ކުރަމުން ގެންދަނީ އެންމެ ފަހު މަރުހަލާގެ މަޝްވަރާތައް ކަމަށާއި އެހެން ކަމުން ދާދި އަވަހަށް ސަންޓޯސްއާއި އެކު އެއްބަސްވުމަކަށް އާދެވި އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިޔަށް ދާނޭ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
ސަންޓޯސް ޕޮލެންޑް ގައުމީޓީމާއި ހަވާލުވާނީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ކަމަށާއި އެހެން ކަމުން 2026 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕުގެ ނިޔަލަށް ސަންޓޯސް ޕޮލެންޑް ޓީމަށް އިރުޝާދު ދޭނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ސަންޓޯސް ޕޯޗުގަލް ޓީމުން އިސްތިއުފާ ދިނީ އެންމެ ފަހުން ގަތަރުގައި ނިމިގެން ދިޔަ ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން އެގައުމު ކެޓުމާއި ގުޅިގެންނެވެ. މީގެ ކުރިން އޭނާ ވަނީ ޕޯޗުގަލް ޓީމަށް ކޯޗުކޮށްދީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯލަ މުބާރާތާއި 2018 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގު އެގައުމަށް ކާމިޔާބު ކޮށްދީފައެވެ.
ޕޮލެންޑް ގައުމީ ޓީމުން ކޯޗަކު ހޯދަން ފަށާފައި މިވަނީ އެންމެ ފަހުން ގަތަރުގައި ނިމިގެން ދިޔަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ޕޮލެންޑުން ނެރުނު ދަށް ނަތީޖާގެ ސަބަބުން ކުރީގެ ކޯޗު ޗެސްލާވް މިޗްނިއެވިޗް މަޤާމުން ވަކިކުރުމާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް