ނަޝީދުގެ އައްޑޫ ކެމްޕެއިން ދަތުރުފުޅުގައި ކުރީގެ ދެ ބަންޑާރަ ނައިބުން!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އައްޑޫއަށް ކުރައްވަމުން ގެންދަވާ އެމްޑީޕީ ޕްރައިމަރީ ކެމްޕެއިން ދަތުރުފުޅުގައި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި، ޑރ. މުހައްމަދު މުނައްވަރު، ބައިވ...

23 Jan 2023 | 17:08

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އައްޑޫއަށް ކުރައްވަމުން ގެންދަވާ އެމްޑީޕީ ޕްރައިމަރީ ކެމްޕެއިން ދަތުރުފުޅުގައި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި، ޑރ. މުހައްމަދު މުނައްވަރު، ބައިވެރިވެވަޑައިގެންނަވައިފި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދާއި ވާދަ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ޕްރައިމަރީގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ޕްރައިމަރީގެ ކެމްޕެއިނަށް މިއަދު ރައީސް ނަޝީދު ވަނީ އައްޑޫ ސިޓީއަށް ވަޑައިގެންފަ އެވެ. މި ދަތުރުފުޅުގައި މުނައްވަރާއި ދިޔާނާ ބައިވެރިވެވަޑައިގެންނަވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.

ކުރީގެ ދެބަންޑާރައިންކަމުގައިވާ އެދެބޭފުޅުންގެ ތެެރެއިން މުނައްވަރަކީ އެމްޑީޕީގެ ރައީސް ކަން ކުރިން ކުރެއްވި ބޭފުޅެކެވެ. ދިޔާނާ ވަނީ ރައީސް ނަޝީދުގެ ސަރުކާރުގައި ބަންޑާރަނައިބު ކަން ކުރައްވާފަ އެވެ.

މިދަތުރުގައި ރައީސް ނަޝީދު އަރިހުގައި ދިޔާނާ އާއި ޑރ. މުނައްވަރު އައްޑޫއަށް ވަޑައިގެންނެވި ނަމަވެސް މި ދެ ބޭފުޅުންނަކީ މިހާރު އެމްޑީޕީ މެންބަރުން ނޫން ކަމަށް އެޕާޓީން ބުނެފައިވެ އެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ނަޝީދު ވަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރައްވާފަ އެވެ. އަދި ރައީސް ނަޝީދު ދަނީ މާލޭގައި ވެސް ކެމްޕޭންގެ ހަރަކާތްތައް ބާއްވަމުންނެވެ.

ކުރިއަށް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓު އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު ރަނިންމޭޓަކަށް ވާނީ އައްޑޫ ބޭފުޅެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް