ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން އަންހެން ކުދިންނަށް ޚާއްޞަކޮށްގެން ކޯޑިންގ ދަސްކޮށް ދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމް ގަރލްސް ޓު ކޯޑްގެ ލާމު އެޑިޝަން ފަށައިފިއެވެ.
ގާލްސް ޓު ކޯޑް ޕްރޮގްރާމުގައި ބައިވެރިންނަށް އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާސްކްރިޕްޓް ބޭނުންކޮށްގެން ބޭސިކް ކޯޑިން ހުނަރު ދަސްކޮށްދޭނެއެވެ. ކްލާސްތައް ނިމޭއިރު ބައިވެރިންނަށް ދަސްވި ހުނަރު ބޭނުންކޮށްގެން އަމިއްލަ ވެބްސައިޓެއް ފަރުމާކުރެވޭނެއެވެ.
ދެ މަސް ދުވަހަށް އޮންލައިންކޮށް ކުރިއަށް ގެންދާ މި ޕްރޮގްރާމް އިއްޔެ ފަށާފައިވާއިރު 14 އަހަރާއި 20 އަހަރުގެ އަންހެން ކުދިންނަށް ޚާއްސަކޮށްގެން ބާއްވާ މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ޓެކްނޮލޮޖީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް މި ދާއިރާއަށް ޝައުގުވެރިކުރުވާ މި މި މަސައްކަތަށް ވަނުމަށް ބާރުވެރިކުރުވުމެވެ.
" ވަޒީފާގެ ދާއިރާއިން ކޮންމެ މަގެއް އިޚްތިޔާރު ކުރިޔަސް، ކޯޑިންގއަކީ ތި ހުރިހާ ބައިވެރިންނަށްވެސް ފައިދާހުރި ހުނަރަކަށްވާނެކަން ޔަޤީން. އަދި މީގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުވެ އައު ފުރުސަތުތަކެއްވެސް ހުޅުވިގެންދާނެ." ގަރލްސް ޓު ކޯޑް ލާމު އެޑިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ދިރާގުގެ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވިއެވެ.
"މި ޕްރޮގްރާމްގެ ސަބަބުން ކުދިންނަށް ވަރަށް މުހިންމު ހުނަރުތަކެއް ދަސްވެގެންދާނެ. ވެބްސައިޓް ބިނާކުރުމަށް ދަސްކޮށްދެމުންދާއިރު އެދަސްކޮށްދެވޭ ކޯޑިންގ ލެންގުއޭޖްތަކުގެ އިތުރުން ކުދިންގެ ވިސްނުން ބަހައްޓާނެ ގޮތާއި ޕްރޮބްލަމް-ސޮލްވިންގ ސްކިލްސްވެސް ދަސްވާނެ." ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސާ މަރިޔަމް އަސްނާ ސައީދު ގަރލްސް ޓު ކޯޑް ލާމު އެޑިޝަންގެ ބައިވެރިންނާ މުހާތަބުކޮށް ވިދާޅުވިއެވެ.
މިޕްރޮގްރާމަކީ ގަރލްސް ޓު ކޯޑް ސީރީޒްގެ ހަތަރު ވަނަ ޕްރޮގްރާމްއެވެ. މީގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންދެވިފައިވަނީ 2019 ވަނަ އަހަރު ޏ.ފުވައްމުލަކު ގައެވެ. އަދި ދެވަނަ ޕްރޮގްރާމް ހިންގިފައިވަނީ 2021 ވަނަ އަހަރު ގދ. ތިނަދޫގައެވެ. އަދި ތިން ވަނަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2021 ވަނަ އަހަރުގެ ފަހުކޮޅު ހދ. ކުޅުދުއްފުށީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް