އެސްއެސްސީ އިމްތިހާނުގައި ގުރުއާން އެސެސްކުރާ ގޮތަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން އަނެއްކާ ވެސް ބަދަލު ގެނެސްފި ކުރިޔަށްވުރެ ފަސޭހަކޮށްފި އެވެ.
މިއަހަރަކީ ފުރަތަމަ ފަހަރަށް އެސްއެސްސީ އިމްތިހާނުގައި ޤުރުއާން މާއްދާއިން ޓެސްޓު ހަދާ އަހަރެވެ. މިދިޔަ އަހަރު ނިމެން އުޅެނިކޮށް މިގޮތަށް ނިންމާ މަސައްކަތްތަކެއް ހަވާލު ކުރުމުން އޭރު ބެލެނިވެރިން ހިތްހަމަ ނުޖެހުން ފާޅު ކުރިއެވެ.
ޑީޕީއީ ހިންގުމާ ހަވާލުވެހުންނެވި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ސޮއިކުރައްވައި ސްކޫލުތަކަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ޤުރުއާންގެ އިތުރުން އިސްލާމާއި ދިވެހި ބަސް އިމްތިހާނު ކުރާ ގޮތަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.
އެ ސިޓީގައި ބުނެފައިވާ ގޮތުގައި ޤުރުއާންގެ ދަށުން ހަދަންޖެހޭ އެސައިމަންޓުގެ ސުވާލު މިހާރު ވަނީ ގައިޑެޑް ސުވާލަކަށް ބަދަލުކޮށްފައި އެވެ. އެސައިމަންޓުގައި ރިފަރެންސް ނުދޭގޮތަށް ނިންމާފައިވާ ކަމަށް ވެސް ސިޓީގައި ބުންޏެވެ. އެއީ ކުރިން އެ އިމްތިހާނު ގެންދަން ނިންމާފައިވާ ގޮތަށްވުރެ ފަސޭހަ ގޮތެކެވެ.
ކުރިން ނިންމާފައި އޮތީ ޤުރުއާނުން ހިތުން ކިޔެވުމުގެ ބައިން މުއްދަސިރް ސޫރަތުން ފެށިގެން ނާސި ސޫރަތުގެ ނިޔަލަށް ސުވާލުކުރާށެވެ. އެކަމަކު ފަހުން ވަނީ ސޫރަތުއް ޟުހާ އިން ފެށިގެން ނާސި ސޫރަތުގެ ނިޔަލަށް ކިޔަވަން ޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ.
ބަލައިގެން ކިޔުން އޮންނާނީ ކުރިން ވެސް ހަމަޖައްސާފައި އޮތްގޮތަށް، ޒުމަރު ސޫރަތުން ފެށިގެން ނާސި ސޫރަތުގެ ނިޔަލަށެވެ.
މާކްސްދޭން ނިންމާފައިވަނީ ބަލައިގެން ގުރުއާން ކިޔެވުމަށް 40 ޕަސެންޓް، ހިތުން ކިޔެވުމަށް 20 އަދި އެސެސްމަންޓަށް 40 ޕަސެންޓެވެ.
ޤުރުއާނުގައި ހިމެނޭ ކިޔެވުމުގެ ބައި އިމްތިހާނުކޮށް އޮގަސްޓް 31 ވަނަ ދުވަހު ނިންމަންޖެހެ އެވެ.
އިސްލާމް މާއްދާގެ އިމްތިހާނަށް ގެނައި ބަދަލުގެ ގޮތުގައި ސިޓީގައި ފާހަގަކުރައްވާފައިވަނީ ޕޭޕަރު އެކެއްގައި އިހުތިޔާރީ ސުވާލު ދިނުމުގެ ބަދަލުގައި ކަނޑައެޅޭ ވަކި ސުރުހީތަކަކުން ކުރު ޖަވާބުދޭ ސުވާލުތަކެއް ހިމަނާ ގޮތަށެވެ. އަދި ދިވެހި މާއްދާގައި ހަދަންޖެހޭ ކޯސް ވޯކް މިއަހަރު ނުދޭގޮތަށް ވަނީ ނިންމައިފަ އެވެ.
މިއީ ޤުރުއާން އިމްތިހާނަށް ބަދަލު ގެނައި ދެވަނަ ފަހަރެވެ. ފުރަތަމަ ހަމަޖައްސާފައި އޮތީ ދެ އެސައިމަންޓު ހަދާގޮތަށެވެ. އެކަމަކު ޤުރުއާން މާއްދާގެ އިމްތިހާނު އޮންނާނެކަން މިދިޔަ އަހަރު ބެލެނިވެރިންނަށް އެންގުމާއި އެކު ފާޅު ކުރި ހިތްހަމަ ނުޖެހުންތަކާއި ގުޅިގެން ގެނައި ބަދަލުތަކުގައި ވަނީ އެންމެ އެސައިމަންޓެއް ހަދާގޮތަށް ހަމަޖައްސާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް