ރަސްމީ ދަތުރުފުޅެއްގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އިންޑިއާއަށް ފުރައި ވަޑައިގެންފިއެވެ.
ޑިފެންސް މިނިސްޓަރ މާރިޔާގެ އަރިހުގައި މިދަތުރުފުޅުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. މައުލޫމާތު ލިބޭގޮތުގައި މި ރަސްމީ ޒިޔާރަތް އެއް ހަފްތާގެ މުއްދަތަކަށް ދެމިގެން ދާނެއެވެ.
އެމްއެންޑީއެފުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި، މި ރަސްމީ ޒިޔާރަތުގައި ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮތް އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިނިސްޓަރު މާރިޔާގެ މި ދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮންނަ އަސްކަރީ ގުޅުމުގެ ތެރެއިން ރާއްޖޭގައި ހަރުކުރުމަށް އިންޑިއާ ސަރުކާރުން ހުށަހަޅާފައިވާ ކޯސްޓަލް ރާޑާ ސަވައިލަންސް ސިސްޓަމް (ސީއެސްއާރުއެސް) ހަރުކުރުމާ ގުޅޭ ގޮތުން މިނިސްޓަރަށް ހުށަހަޅުއްވާނެ އެވެ. މިއި 2016 ވަނަ އަހަރު އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކުރި އަސްކަރީ ގުޅުމުގެ އެއްބަސްވުމުގެ ދަށުން ހަރުކުރާ ރާޑަރު ސިސްޓަމްތަކެއް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.
މިދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން، ޑިފެންސް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޑެޕިޔުޓީ ޑައިރެކްޓަރު ޖެނެރަލް ކާނަލް އަބްދުލްމަތީން އަހުމަދާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރު ލެފްޓިނެންޓް ކާނަލް މުހައްމަދު ސަލީމްވެސް ބައިވެރިވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް