ގާނޫނާ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމުގައި ދިވެހި ސިފައިންނަކީ ނަމޫނާ ބަޔަކަށް ވާންޖެހޭ ކަމަށް ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ދިވެހި ސިފައިންގެ 64 ވަނަ އަސާސީ ތަމްރީން ފުރިހަމަ ކުރި ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި، ދެއްކެވި ވާހަކުފުޅުގައި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވިގޮތުގައި، ސިފައިންނަށް ގާނޫނާއި ހިލާފް އެއްވެސް އަމުރެއް، އެމަނިކުފާނު ނުކުރައްވާނެ ކަމުގެ ޔަގީންކަން ދިވެހި ސިފައިންނަށް ދެއްވިއެވެ.
އަސާސީ ތަމްރީން ފުރިހަމަކޮށް މިރޭ ހުވާކުރި ސިފައިންނަކީ ވެސް، ޢަސްކަރީ އަޚްލާޤަށާއި ޢަސްކަރީ ހުނަރަށް އަހުލުވެރިވެފައިވާ، ބައެއްކަން ޔަޤީންކުރައްވާކަމަށް ރައީސް ވިދާޅިވިއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ މަތިކުރެވިފައިވާ، މަދަނީ އަދި ޢަސްކަރީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި، އެ ސިފައިން ހިތްވަރާއި ވަރުގަދަ ޢަޒުމެއްގެ މަތީގައި، ސާބިތުވެ ތިބުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވާހަކަފުޅު ދައްކަވަމުން އިތުރަށް ވިދާޅުވީ، ތިމާގެ ހަޔާތުން ކުޑަކުޑަ ވަގުތުކޮޅަކަށް ވިއަސް ސިފައިންގެ ހުވާކޮށް، އެމަގާމް އަދާކުރެއްވިއްޖެ މީހާ، މުޅި އުމުރު ދުވަހު އެކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ޒަމާނުއްސުރެ ދިވެހި ސިފައިން ވެފައިވަނީ ގައުމަށް ޣައްދާރު ނުވާނެ ބަޔެއް ކަމަށް ކަމަށެވެ.
ގައުމެއްގެ މިނިވަންކަން ސަލާމަތްތެރި ކަމާއި އެކީ ދެމެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރާނީ އަޒުމު ގަދަ ކުޅަދާނަ ފަހުލަވާނުން އުޅޭ ލަޝްކަރެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި، ސިފައިންގެ މަގްސަދަކަށް ވާންވާނީ އަބަދު ހަނގުރާމަ ކުރުމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި މިނިވަންކަމާއި ސުލްހަވެރި ކަން ގާއިމު ކުރުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ހަނގުރާމަ ކޮށްގެން ލިބޭ ހިތްހަމަ ޖެހުމަށްވުރެ، އެކަމުން ލިބޭ ހިތްހަމަ ޖެހުން މާ ބޮޑު ވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ސިފައިންނަކީ، މިނިވަންކަމާއި ޞުލްޙަވެރިކަމާއެކު ބައިނަލްއަޤުވާމީ މުޖްތަމަޢަށް، މި ރާއްޖެއަށް ނޭވާލެވޭ މައިގަނޑު ސަބަބުކަމަށާއި، ޤައުމުގެ ދާޚިލީ ހަމަޖެހުމާއި ޞުލްޙަ މަސްލަސްކަން ދެމެހެއްޓުމުގައި ވެސް، ސިފައިންގެ މަސައްކަތަކީ އަގު ނުކުރެވޭހާ ގިނަގުނަ މުހިންމު ޚިދުމަތްތަކެއްކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ޤައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ވެސް އެންމެ ފުރަތަމަ ރައްޔިތުންނަށް އެހީވާން ނުކުންނަ އެއް ބަޔަކީ ދިވެހި ސިފައިންކަމަށާއި، އެ ވާޖިބު ފުރިހަމައަށް އަދާކޮށްދެއްވަމުން ގެންދަވާތީ، ދިވެހި ހުރިހާ ސިފައިންނަށް ރައީސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ދެވޭ ވެލްފެއަރގެ ހިދުމަތްތައް އިތުރަށް ފުރިހަމަކަމާއި އަވަސް ގޮތެއްގައި ލިބޭނެ ގޮތްތައް ހޯދަމުން ދާ ކަމަށެވެ. ހުރިހާ ރައްޔިތުންނެކޭ އެއްފަދައިން، ސިފައިންނަށް ވެސް ކުރިމަތި ވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ވަރަށް މަސައްކަތް ކުރަމުންގެންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް