ރެއާލްއިން އަގު ބޮޑު ފޯވާޑެއް ހޯދުމަށް 90 މިލިޔަންގެ ބިޑެއް ހުށަހަޅަނީ؟

ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވި ފަހުން، މި ސީޒަންގައި އެންމެ އެކަށީގެންވާފަދަ ނަތީޖާތަކެއް ހޯދުމަށް އުނދަގޫވެފައިވާ ރެއާލް މެޑްރިޑުން ޔުވެންޓަސްގެ ފޯވ...

23 Jan 2019 | 06:06

ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވި ފަހުން، މި ސީޒަންގައި އެންމެ އެކަށީގެންވާފަދަ ނަތީޖާތަކެއް ހޯދުމަށް އުނދަގޫވެފައިވާ ރެއާލް މެޑްރިޑުން ޔުވެންޓަސްގެ ފޯވާޑް ޕައުލޯ ޑީބަލާ ހޯދުމަށް 90 މިލިޔަން ޕައުންޑްގެ (116 މިލިޔަން ޑޮލަރ) ބިޑެއް ހުށަހެޅުމަށް ތައްޔާރުވެފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރޮނާލްޑޯ ނެތުމުން ގަރަތު ބޭލް އާއި ބެންޒެމާއަށް ރެއާލް ބަރޯސާވެފައިވާއިރު، އެ ދެ ކުޅުންތެރިންނަށް ވެސް ގިނަ މެޗުތަކުގައި މޮޅު ކުޅުމެއް ދެއްކޭގޮތެއް ނުވެއެވެ. ހާއްސަކޮށް ސެންޓަ ފޯވާޑް ކަރީމް ބެންޒެމާއަށް ލަނޑު ނުޖެހޭ މައްސަލަ ރެއާލްއަށް ވަނީ ބޮލު ރިހުމަަކަށް ވެފައެވެ. އެހެންކަމުން ރެއާލްއިން މި ޓްރާންސްފަރ މާކެޓްގައި ސެންޓަ ފޯވާޑެއް ހޯދަން މަސައްކަތް ކުރާނެކަމަށް ކުރިން ވެސް އޮތީ ބެލެވިފައެވެ.

ރެއާލްއިން ޑީބަލާ ގެންނަން މަސައްކަތް ކުރާކަމުގެ އަޑުތައް އަނެއްކާ ވެސް ގަދަވެފައިވާއިރު، އެ ޓީމަށް އޮތް ގޮންޖެހުމަކަށް ވާނީ ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީން ވެސް ޑީބަލާ ބޭނުންވުމެވެ. އެހެެންނަމަވެސް ދަސަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑީބަލާ ހޯދުމުގެ ރޭހުގެ ކުރީގައި އޮތީ ރެއާލް މެޑްރިޑެވެ.

ޑީބަލާ ޔުވެންޓަސްއާއެކު މޮޅު ކުޅުމެއް ދައްކަމުން ދިޔަ ނަމަވެސް، ދާދި ފަހުން އެ ޓީމުން ހިލޭ ޓްރާންސްފާ އެއްގެ ދަށުން އާރޮން ރަމްސޭ ހޯދާފައިވުމާއި، ލޯނު އެއްބަސްވުމެއްގެ ދަށުން ރެއާލްގެ އިސްކޯ ގެންނަން ބޭނުންވާތީ، ރެއާލްއަށް ޑީބަލާ ވިއްކާލުން ގާތްކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އަނެއްކޮޅުން، ސޮލާރީގެ ކޯޗުކަމުގައި އިސްކޯ މުހިންމު ކުޅުންތެރިއަކަށް ނުވާތީ، އިސްކޯ ދޫކޮށްލަން ރެއާލް ތައްޔާރަށް އޮތުމަކީ ވަރަށް ގާތްކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް