ކާޑިފްއާ އަލަށް ގުޅުނު ފޯވާޑް ދަތުރުކުރަނިކޮށް ގެއްލުނު ބޯޓު ހޯދުމުގެ މަސައްކަތް މެދުކަނޑާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ކާޑިފް ސިޓީން ރެކޯޑް އަގަކަށް ގަނެފައިވާ އާޖެންޓީނާގެ ފޯވާޑް އެމިލިއާނޯ ސަލާ ދަތުރުކުރަމުން ދިޔަ ކުޑަ މަތިންދާބޯޓު ގެއްލިފައިވާއިރު، އެ ބޯޓު ހޯދުމަށް ކުރަމުންދާ މަސައް...

23 Jan 2019 | 03:04

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ކާޑިފް ސިޓީން ރެކޯޑް އަގަކަށް ގަނެފައިވާ އާޖެންޓީނާގެ ފޯވާޑް އެމިލިއާނޯ ސަލާ ދަތުރުކުރަމުން ދިޔަ ކުޑަ މަތިންދާބޯޓު ގެއްލިފައިވާއިރު، އެ ބޯޓު ހޯދުމަށް ކުރަމުންދާ މަސައްކަތް ވަގުތީގޮތުން މެދު ކަނޑާލައިފިއެވެ.

ސަލާ ދަތުރުކުރި މަތިންދާބޯޓު ހޯދުމުގެ މަސައްކަތް އަންގާރަ ދުވަހުގެ އިރުއޮއްސުމާ ހަމައަށް ކުރުމަށްފަހު، ވަގުތީ ގޮތުން މެދުކަނޑާލީ އަނދިރިވުމުން ކަމަށާއި، ބުދަ ދުވަހުގެ އަލިކަމާއެކު އަލުން މަސައްކަތް ފަށާނެކަމަށް އެ ގައުމުގެ ފުލުހުން ބުނެފައިވެއެވެ. އެހެނަސް، ބޯޓުން ދަތުރުކުރި މީހުން ދިރިތިއްބާ ފެނުމުގެ ފުރުސަތު ކުޑަކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ޕައިލޮޓްގެ އިތުރުން ސަލާ އެކަނި ދަތުރުކުރި މި ކުޑަބޯޓު ގުއާންސޭގެ އައްސޭރި ފަށުން ރާޑަރުތަކަށް ގެއްލުނީ ފްރާންސްގެ ނަންޓެސް އިން ވޭލްސްއަށް ދަތުރުކުރަމުން ދަނިކޮށެވެ.

ބޯޓު ހޯދުމުގެ މަސައްކަތް މެދުކަނޑާލިއިރު، މިހާތަނަށް އެ ބޯޓުގެ ބައެއް ވެސް އަދި އެއްވެސް މީހެއްގެ ހަށިގަނޑެއް ވެސް ހޯދިފައެއް ނުވެއެވެ. އިނގިރޭސި ޗެނަލްގައި ފްރާންސްގެ އައްސޭރިފަށާ ގާތުގައި އޮންނަ ގުއާންސޭގެ ފުލުހުން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ 15 ގަޑިއިރު ވާންދެން ވައިގެ މަގުންނާއި، ކަނޑު މަގުން ޗެނަލްގެ ރަށްތަކާއި، ޔޫކޭ އަދި ފްރާންސްގެ ސަރަހައްދު ވެސް ބަލާފައިވާކަމަށާއި، ކަނޑުގައި އޮޔާދާ ތަކެތިތަކެއް ފެނިފައިވާ ކަމަށެވެ. އެހެނަސް އެއީ ބޯޓުގެ ބައިތަކެއްކަމަށް ފުލުހުން ބުނެފައެއް ނުވެއެވެ.

ފްރާންސް ލީގުގެ ނަންޓެސް އިން 15 މިލިޔަނަށް ކާޑިފްއަށް ބަދަލުވި ސަލާ ދަތުރުކުރި ބޯޓު ގެއްލިފައިވާއިރު، ކާޑިފް އިން ވެސް ވަނީ ބަޔާނެއް ނެރިފައެވެ. އެ ބަޔާނުގައި އެ ކްލަބްގެ ސީއީއޯ ކެން ޗޫ ބުނެފައިވަނީ "ރަނގަޅު ހަބަރަކަށް އެދި ދުއާކުރުމުގައި" ތިބިކަަމަށެވެ.

ސަލާ ކާޑިފްއަށް ސޮއި ކުރުމަށްފަހު އެނބުރި ފްރާންސަށް ގޮސްފައިވަނީ އޭނާގެ ކުރީގެ ކްލަބްގެ ކުޅުންތެރިންނާ ވަދާއީ ސަލާމްކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް