ވިލާގެ ވަކީލުން ދިވެހި ފުލުހުންނަށް ބިރު ދައްކާކަމަށް ފުލުހުން ސިފަ ކޮށްފި އެވެ.
ފުލުހުން މިގޮތަށް ސިފަކޮށްފައިވަނީ މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި އެވެ.
އެ ނޫސްބަޔާނުގައި ފުލުހުން ބުނެފައިވަނީ ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ގާނޫނީ ވަކީލުން، 2018 ޖެނުއަރީ 23 ވަނަ ދުވަހު ނެރެފައިވާ ނޫސްބަޔާނުގައި ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މުދާ ގާނޫނާ ހިލާފަށް ގެންދިއުމުގައި ފުލުހުން ބައިވެރިވިކަމަށްބުނެ އަދި އެ ކުންފުންޏާއި ދެކޮޅަށް ހިންގި ޖަރީމާއެއްގައި ފުލުހުން ބައިވެރިވިކަމަށް ތުހުމަތުކޮށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އެކަން ތަހުގީގު ކުރުމަށް ބާރު އަޅައި ހިއްސާކޮށްފައިވާ ބަޔާނުގައި ވަކިވަކި ފުލުހުންގެ ފަރުދީ މައުލޫމާތު އާންމުކޮށްފައިވާތީ އެ އަމަލު ކުށްވެރި ކުރާ ކަމަށެވެ.
"މި އަމަލަކީ ގާނޫނު ތަންފީޒު ކުރާ އިދާރާއެއްގެ މުވައްޒަފުން ގާނޫނު ތަންފީޒު ކުރުމަށް ކުރަމުންގެންދާ ގާނޫނީ މަސައްކަތްތަކަށް ހުރަސް އެޅުމަށާއި ނުފޫޒު ފޯރުވުމަށާއި ބިރުދެއްކުމަށް ހިންގި އަމަލެއް ކަމުގައި މި ސާވިސް އިން ދެކެމެވެ." ފުލުހުންގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް