އާސެނަލްގެ ސަންޗޭޒް މެންޗެސްޓާ ޔުނައިޓެޑަށް، ޔުނައިޓެޑްގެ މިކިތާރްޔަން އާސެނަލްއަށް

އާސެނަލްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެލެކްސިސް ސަންޗޭޒް މެންޗެސްޓާ ޔުނައިޓެޑާ ގުޅުނުއިރު، އެ ޓީމުގެ މެދުތެރެއަށް ކުޅޭ ހެންރިކް މިކިތާރްޔަން އާސެނަލްއަށް ބަދަލުވެއްޖެއެވެ. މިއީ މި ދެ ކުލަބްގެ ...

23 Jan 2018 | 02:18

އާސެނަލްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެލެކްސިސް ސަންޗޭޒް މެންޗެސްޓާ ޔުނައިޓެޑާ ގުޅުނުއިރު، އެ ޓީމުގެ މެދުތެރެއަށް ކުޅޭ ހެންރިކް މިކިތާރްޔަން އާސެނަލްއަށް ބަދަލުވެއްޖެއެވެ. މިއީ މި ދެ ކުލަބްގެ ދެމެދުގައި، މި ދެ ކުޅުންތެރިން ބަދަލު ކުރާ ގޮތަށް، އިތުރު އެއްވެސް ފީއަކާ ނުލާ ހެދި ޓްރާންސްފާ އެކެވެ.

ޖޫން މަހުގެ ޓްރާންސްފާގެ ބާޒާރުން ފެށިގެން ވެސް އެލެކްސިސް ސަންޗޭޒް ބަދަލު ވާނެކަމަށް ބެލެވުނީ މެންޗެސްޓާ ސިޓީއަށެވެ. އެ ޓްރާންސްފާ ބާޒާރުގައި ސަންޗޭޒް ސިޓީއަށް ބަދަލު ވާން ވަރަށް ބޮޑަށް މަސައްކަތް ކުރި ވެސް މެއެވެ.

އެހެންނަމަވެސް އެންމެ ފަހުން ސަންޗޭޒް ސިޓީގެ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ގުޅިފައިވާއިރު، އެ ޓީމާއެކު ހެދި 4 އަހަރާ ބައިގެ އެއްބަސްވުމާއެކު ހަފުތާއަކު 350000 ބްރިޓިޝް ޕައުންޑްގެ މުސާރައެއް ސަންޗޭޒްއަށް ލިބޭނެއެވެ.

" ދުނިޔޭގެ އެންމެ ބޮޑު ކްލަބާ ގުޅެވޭތީ އަހަރެން މިހުރީ ވަރަށް އުފަލުން. އަހަރެން އާސެނަލް އާއެކު 3 އަހަރާ ބައި ހޭދަކޮށްފިން. އަދި އަހަރެން އެ ކްލަބް ދޫކޮށް މި އަންނަނީ މަތީފަންތީގެ އެ ކްލަބާއި އެ ކްލަބްގެ ފޭނުންގެ ވަރަށް ރަނގަޅު ހަނދާންތަކާއެކު" މެންޗެސްޓާ ޔުނައިޓެޑްގައި ޖާޒީ ނަންބަރު 7 އަށް ކުޅޭނެ ސަންޗޭޒް ބުންޏެވެ.

ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ވަނީ ސަންޗޭޒް އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް އެޓޭކިންގް ޕްލެޔަރ ކަމަށް ބުނެ ސަންޗޭޒްއަށް ވަރަށް ބޮޑަށް ތަޢުރީފު ކޮށްފައެވެ. އަދި މިކިތާރްޔަން ޔުނައިޓެޑަށް ދިން ޚިދުމަތަށް ޝުކުރު އަދާ ވެސް ކޮށްފައެވެ.

ބްރޫޝިއާ ޑޯޓްމަންޑް އިން 2016 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވި އުމުރުން 29 އަހަރުގެ އަރްމޭނިއާގެ މިކިތާރްޔަންއަށް ޔުނައިޓެޑް ދޫކޮށްލަން މި ޖެހުނީ އެންމެ 18 މަސް ދުވަހަށް ފަހުގައެވެ. އޭނާ އާސެނަލްއަށް ބަދަލުވުމަށްފަހު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2021 ވަނަ އަހަރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް