ރައީސުލްޖުމްހޫރިއްޔާ ނ. ކެނދިކުޅުދޫ ކައުންސިލަރުންނާ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު މެންދުރުފަހު ރައީސ...

22 Dec 2019 | 14:42

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކެނދިކުޅުދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި، ކުރިޔަށް ރާވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އަދި، ރަށުގެ މިހާރުގެ ހާލަތާއި، ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުންވެސް، ކުނި ނައްތާލުމުގައި ދިމާވާ ދަތިތަކާއި، އަތޮޅުގައި ހުރި އިޖްތިމާޢީ އެކި އެކި މައްސަލަތައް ޙައްލުކުރުމަށް ފުލުހުންގެ ޚިދުމަތް ބޭނުންވާ ކަމާއި ރަށުގެ ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމާއި، ބޭސް ފިހާރައިގެ ޚިދުމަތް 24 ގަޑި އިރު ނުލިބުމުން ދިމާވާ ދަތިތަކާ ގުޅޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

ކައުންސިލަރުން އިތުރަށް ފާހަގަކުރެއްވި ކަނަތައްތަކުގެ ތެރޭގައި ކެނދިކުޅުދޫ ސްކޫލަށް ބޭނުންވާ ބައެއް ވަޞީލަތްތަކާއި، ރަށުގެ ނަރުދަމާގެ މަސައްކަތް ނުފެށި ލަސްވާތީދިމާވާ ދަތިތަކުގެ ވާހަކަ ހިމެނެއެވެ. މީގެއިތުރުން ރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަމުގައި ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ވިސްނުންތެރިކަމާއެކު ވީ އެންމެ އަވަހަކަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް