ހަރުކަށި ފިކުރު މާނަކުރާގޮތާއި އެ ފިކުރުގެ މީހުން ދެނެގަންނާނެ ގޮތް އެންސީޓީސީން ހާމަކޮށްފި

ހަރުކަށި ފިކުރު މާނަކުރާ ގޮތާއި ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން އާންމުކޮށްފިއެވެ. އެގޮތުން ހަރުކަށި ފިކުރަކީ، ގާނޫނު އަސާސީގެ ރޫހާއި ގާނޫނީ ހަމަތަކާ...

22 Dec 2019 | 12:49

ހަރުކަށި ފިކުރު މާނަކުރާ ގޮތާއި ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން އާންމުކޮށްފިއެވެ.

އެގޮތުން ހަރުކަށި ފިކުރަކީ، ގާނޫނު އަސާސީގެ ރޫހާއި ގާނޫނީ ހަމަތަކާއި، އާންމު އިޖުތިމާއީ އުސޫލުތަކަށް ބަހާއި އަމަލުން އިންކާރުކޮށް، އެކަންކަމާ ދެކޮޅަށް ވަކާލާތު ކުރުމުގައި ހަރުކަށިވެ، އަނިޔާވެރިވުމާއި އިހާނެތިކޮށް ހިތުމުގެ ފިކުރުކަމަށް ބުނެފައިވެއެވެ.

"މިގޮތުން ހަރުކަށި ފިކުރަކީ އެތަނެއްގެ ސަގާފަތާއި، ޒަމާންވީ އާދަކާދަތަކާއި، ހަމަތަކާ އުސޫލުތަކުގެ މައްޗަށް ބިނާވެގެންވާ ސާފު ސީދާ މަގުން އެއްކިބާވެ އަދި އެތަނެއްގައި އޮންނަ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކުގެ އިންތަކުން ބޭރުވެތިބެ، އެބައެއްގެ ފިކުރަށް ތަބާވާ މީހުން ފިޔަވައި އެހެން މުސްލިމުންނަކީ މުސްލިމުން ނޫންކަމަށްބުނެ، އެގޮތަށް ދެއްކުމަށް މަސައްކަތްކޮށް، ރައްޔިތުންގެ މުދަލުން ވައްކަންކުރުމާއި ފޭރުން އެއީ ހުއްދަކަމެއް ކަމުގައި ބުނެ އެކަމަށް ވަކާލާތުކޮށް، މީސްތަކުންނަށް އިހާނެތިކޮށް ހިތާ އަނިޔާވެރިވެ، މީހުންގެ ފުރާނަޔާއި މުދަލަށް ގެއްލުން ދިނުމަކީ ލާޒިމުކަމެއް ކަމަށް ދައްކުވައިދީ، އެކަންކަން އެގޮތަށް ކުރުމަށް ހިތްވަރުދީ އެކަންކަން އެގޮތަށް ކުރުމުގެ ފިކުރެވެ" އެންސީޓީސީން ބުނެފައިވެއެވެ.

ހަރުކަށި މީހުން ދެނެގަންނާނެ ގޮތް ބަޔާންކޮށްފައިވާއިރު އެމީހުންނަކީ ހަރުކަށި ފިކުރަށް ތަބާވާ މީހުން ފިޔަވައި އެހެން މުސްލިމުންނަކީ ތާއޫތުން ކަމަށާއި، މުސްލިމުން ނޫންކަމަށްބުނެ، އެގޮތަށް ދެއްކުމަށް މަސައްކަތްކޮށް، ރައްޔިތުންގެ މުދަލުން ވައްކަންކުރުމާއި ފޭރުން އެއީ ހުއްދަކަމެއް ކަމުގައި ބުނެ އެކަމަށް ވަކާލާތުކޮށް، މީސްތަކުންނަށް އިހާނެތިކޮށް ހިތާ އަނިޔާވެރިވެ، މީހުންގެ ފުރާނަޔާއި މުދަލަށް ގެއްލުންދިނުމަކީ ލާޒިމް ކަމެއް ކަމަށް ދައްކުވައިދީ އެކަންކަން އެގޮތަށް ހިތްވަރުދީ އެކަންކަން އެގޮތަށް ކުރާ މީހުން ކަމަށް ބުނެފައިވެއެވެ.

ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށްބުނެ، އެކަމަށް ވަކާލާތުކޮށް ދިވެހި ގައުމިއްޔަތު އެމީހުން އިންކާރު ކުރާނެ ކަމަށާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއަކީ ބާތިލު އެއްޗެއް ކަމަށްބުނެ، އެކަން އެގޮތަށް ދެއްކުމަށް ވަކާލާތުކޮށް ދިވެހިރާއްޖޭގެ އެންމެހާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް ހިލާފުވެ، ދިވެހި ސަގާފަތާއި ޒަމާންވީ އާދަކާދަތަކަށް އިންކާރުކޮށް ދިވެހި މުޖްތަމައުގެ އެއްބައިވަންތަކަން ގެއްލުވާލައި، މުޖްތަމައު ބައިބައި ކުރަން މަސައްކަތްކުރާ މީހުންކީވެސް ހަރުކަށި ފިކުރުގެ މީހުން ކަމަށް ބުނެފައިވެއެވެ.

މިގޮތުން ގައުމީ ދިދަ އާއި ދިވެހި ދައުލަތުގެ ނިޝާނާއި ގައުމީ ސަލާމް އެމީހުން ބަލައި ނުގަންނާނެ ކަމަށާއި ސްކޫލުތަކުގެ ގައުމީ ތައުލީމީ މަންހަޖުތައް ބަލައިނުގަތުމާއި، ދަރިވަރުން ސްކޫލަށް ހާޒިރުނުކުރުމަކީވެސް އެ ފިކުރުގެ ކަންކަން ކަމަށާއި އެ ފިކުރަށް މަގުފަހިވާގޮތަށް އެމީހުން ވަކާލާތު ކުރާނެ ކަމަށްވެސް އެންސީޓީސީން ބުނެފައިވެއެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ ސިއްހީ މިންގަނޑުތަކުން ކުދިން މަހްރޫމު ކުރުވުމާއި، ދިވެހިރާއްޖޭގެ އަންނަންއޮތް ޖީލަށް ނުރައްކާވާފަދަ ފަނާކުރަނިވި ވިސްނުން ކުރިއަރުވައި ފަތުރައި އިންސާނީ ހައްގުތަކަށް ބެލުމެއްނެތި އަންހެނުންނާއި ކުޑަކުދިން ނިކަމެތިކޮށް، ކައިވެނި ކުރުވިކަމަށްބުނެ ތުއްތު ކުދިންނަށް ޖިންސީ ގޯނާކުރުމަކީވެސް ހަރުކަށި ފިކުރު މީހުން ކުރާ ކަންކަން ކަމުގައި އެންސީޓީސީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް