ރާއްޖެ ކުޑަވުމަކީ އިންޑިއާއަށް މިގައުމު އަޅުވެތިކުރަން ލިބިފައިވާ ލައިސަންސެއް ނޫން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމު އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން މިއަދު މާލޭގައި ބޭއްވި ހިނގާލުމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އިންޑިއާއިން ރާއްޖޭގެ މިނިވަންކަމަށް އިހުތިރާމްކޮށް މިނިވަންކަމަށް ޖާގަދޭންޖެހޭ ކަމަށެވެ.
"ދަރަނި ދަންތުރައިގައި ޖައްސައިގެން އަޅުގަނޑުމެންގެ އަންނަން އޮތް ޖީލު ހަލާކުނުކުރާށޭ. ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ތިބި އިންޑިއާ ސިފައިން މިހާރުން މިހާރަށް ބާލާށޭ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދަކީ ހިޔާނާތްތެރިން." އަދުރޭ ވިދާޅުވި އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ހަވީރު ބާއްވާފައިވަނީ ރާއްޖޭގެ މިނިވަންކަން ގެއްލުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ދެކޮޅު ހެދުމުގެ ގޮތުން އަޑު އުފުލުމަށް ބޭއްވި ހިނގާލުމެކެވެ.
"މިނިވަންކަމުގެ ހިނގާލުން މި ނަން ދީފައިވާ މި ހިނގާލުން ފަށަފައިވަނީ މިއަދު ހަވީރު 4 ޖެހި އިރު، ޕީޕީއެމް އޮފީސް ދޮރުމަތިން ނެވެ.
މި ހިނގާލުމުގައި އެ ކޯލިޝަންގެ އިސްލީޑަރުންނާއި ގިނަ އަދަދެއްގެ ޢާންމުން ވަނީ ބައިވެރިވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް