ކުރިއަށް އޮތް 3 ދުވަސްތެރޭގައި އެމްބިއުލަންސްތައް އަތޮޅުތަކަށް ފޮނުވަން ފެށޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ "އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސް.ޓީ.އޯ މެދުވެރިކޮށް ގެނެވިފައިވާ (20 ވިހި) އެމްބިއުލަންސްގެ ފުރަތަމަ ޝިޕްމަންޓް، އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީން ދަނީ ކުރަމުން" ކަމަށެވެ.
https://twitter.com/MoHmv/status/1451592000214429696
އެސްޓީއޯ މެދުވެރިކޮށް ގެންނަން ނިންމި އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސް މާލެ ގެނެސްފައިވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.
މިއީ އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގައާއި ސިއްހީ މަރުކަޒުތަކުގައި އެމްބިއުލާންސް ނެތުމުން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން، އެ ކުންފުންޏާ ހަވާލުކުރި އެމްބިއުލާންސްތަކެކެވެ.
އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އާއެކު، ސޮއިކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ.
އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވެފައިވަނީ އެމްބިއުލާންސްގެ ޚިދުމަތް އިތުރަށް ފުޅާވެގެން ދިޔުމުން އަތޮޅުތެރޭގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
މި އެމްބިއުލާންސްތައް ގެނައުމުން އަތޮޅުތެރޭގައި ޚިދުމަތް ދޭން ފުޅާކުރެވުމުން، ކާރިސާގެ ވަގުތުތަކުގައްޔާއި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްޙީ ކުއްލިފަރުވާ ފަސޭހަކަމާއެކު ދެވިގެންދާނެ.” މިނިސްޓަރ ނަސީމް ވިދާޅުވެފައި ވެއެވެ.
އެ އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން އެމްބިއުލެންސްތައް މިނިސްޓްރީއަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް