ޒުވާނުންނަށް ރަނގަޅު އާމްދަނީ ލިބޭނެ މަސައްކަތްތައް ހޯދައިދިނުމަށް މަގު ފަހިކުރުމަކީ ސަރުކާރުގެ އަމާޒެއް: ނައިބު ރައީސް

ޒުވާނުންނަށް ރަނގަޅު އާމްދަނީ ލިބޭނެ މަސައްކަތްތައް ހޯދައިދިނުމަށް މަގު ފަހިކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ނައިބު ރައީީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގައުމީ ޒު...

22 Oct 2021 | 15:18

ޒުވާނުންނަށް ރަނގަޅު އާމްދަނީ ލިބޭނެ މަސައްކަތްތައް ހޯދައިދިނުމަށް މަގު ފަހިކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ނައިބު ރައީީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގައުމީ ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ޒުވާނުންނަށް ފޮނުވައި ކުރެއްވި ޓުވީޓެއްގަ އެވެ.

އެ ޓްވީޓުގައި ނައިބު ރައީސް ވިދާޅުވީ "ޒުވާނުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަން. ޤައުމު ބިނާކުރުމުގައި ޒުވާނުންގެ ހިއްސާއަށް ޝުކުރު ދަންނަވަން. މިސަރުކާރުގެ އަމާޒަކީ ޒުވާނުންނަށް ފެންވަރު ރަނގަޅު ތަޢުލީމާއި މަސައްކަތުގެ ހުނަރާއި ރަނގަޅު އާމްދަނީ ލިބޭނެ މަސައްކަތްތައް ހޯދައިދިނުމަށް މަގު ފަހިކުރުން." މިފަދައިން ނެވެ.

https://twitter.com/FaisalNasym/status/1451536391087681536

ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ކޮންމެ އަހަރެއްގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަސް ސަރުކާރުން ކަނޑައަޅުއްވާ އިއުލާން ކުރައްވާފައިވަނީ، 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

އެހެންނަމަވެސް 2020 ވަނަ އަހަރުން ފެށިގެން ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ކަނޑައަޅުއްވާފައި ވަނީ އޮކްޓޫބަރުމަހުގެ 22 ވަނަ ދުވަހެވެ.

މިގޮތަށް ބަދަލުކުރެއްވީ މިދުވަހަކީ، ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤާއި، އިންތިޚާބުތަކުގައި، އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި، އެ މީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ލިބިދިނުމުގެ މާއްދާ މީގެ 13 އަހަރު ކުރިން، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 185 ވަނަ ޖަލްސާއިން ފާސްކުރެއްވި ތާރީޚީ ދުވަހަށްވާތީ އެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަހާ ގުޅިގެން ތަފާތު ގިނަ ހަރަކާތް ތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން މިދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށްދަނީ ހދ. ކުޅުދުއްފުށީގަ އެވެ.

ދުވަހާ ގުޅިގެން ޚާއްސަ ޖަލްސާއެއް ބާއްވަން ނިންމާފައިވާ އިރު، މި ޖަލްސާގައި 18 ފަރާތަކަށްް ޔޫތު އެވޯޑް ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް