ޔާމީނަށް އެންމެ ރަނގަޅު ގޮތަކީ އަނބިކަނބަލުން ނުވަތަ ދަރިކަލުން އިންތިޚާބަށް ނެރުން: އުމަރު ނަސީރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިހާރު އޮތް އެންމެ ރަނގަޅު ގޮތަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމަނިކުފާނުގެ އަނބިކަނބަލުން  ފާތިމަތު އިބްރާހިމް ނުވަތަ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން ނެރުއްވ...

22 Oct 2021 | 14:56

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިހާރު އޮތް އެންމެ ރަނގަޅު ގޮތަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމަނިކުފާނުގެ އަނބިކަނބަލުން  ފާތިމަތު އިބްރާހިމް ނުވަތަ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން ނެރުއްވުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ނަސީރު މިހެން ވިދާޅުވީ "އަވަސް" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ނެވެ.

އުމަރު ވިދާޅުވީ 2023ގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ލިބިވަޑައިނުގަންނަވާނެ ކަމަށާއި ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތެއްގައި ކޮންމެ މީހެއްގެ އަތަށް ޕީޕީއެމްގެ ޓިކެޓް ދިން ކަމުގައި ވިޔަސް ޔާމީންގެ އަތުން ޕާޓީ ގެއްލޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެންނަން މި އޮތީ ނަޝީދަށް ވީގޮތް. އަޅުގަނޑުމެންނަށް ފެނުނު ރައީސް މައުމޫނަށް ވީގޮތް ދެއްތޯ. ހަމަ އެ މަގުން ރައީސް ޔާމީން ވެސް ދާނެ ކެންޑިޑޭޓަކު ނެރުއްވައިފިއްޔާ ޕީޕީއެމުން" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ޔާމީނަށް މިހާރު އޮތް މޮޅު އެއް ގޮތަކީ އެހެން ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުން ކަމަށެވެ. އަދި އަނެއް ގޮތަކީ ޔާމީންގެ އަނބިކަނބަލުން ނޫނީ ދަރިކަލުން ނުވަތަ 100 ޕަސެންޓް އިތުބާރު ކުރެވޭ ފަރާތެއް އިންތިހާބަށް ނެރުއްވުން ކަމަށްވެސް އުމަރު ވިދާޅުވި އެވެ.

ޕީޕީއެމްގެ ތެރޭގައި ދެން ތިބީ ފުރުސަތަކަށް ބަލަބަލާ ތިބި މީހުން ކަމަށާއި އެގޮތުން ޔާމީން މިނިވަން ވާނެ ކަމަށް ވިދާޅުވެ އެ ފަރާތްތަކުން ދައްކަނީ "ފޭކު" ވާހަކަތަކެއް ކަމަށް އުމަރު ވިދާޅުވި އެވެ.

މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވެ 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީނަށް ދެން އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނުން ވަނީ ބަންދުވެފަ އެވެ.

އެ ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފައިވާއިރު، ރައީސް ޔާމީންގެ ފަރާތްޕުޅުން އެ ހުކުމް މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް