ތައިލެންޑަށް ނުދެވިފަތިބި ފަރާތްތަކަށް އުފާވެރި ޚަބަރެއް - އިތުރު 46 ގައުމަކަށް ހުޅުވާލަނީ

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެގިނަ މީހުން ދިއުމަށް ބޭނުންވާ ނުވަތަ ޝައުގުވެރިގާ ގައުމުތަކުގެ ލިސްޓެއް ހަދައިފިނަމަ، އެ ލިސްޓުގެ އެންމެގަދަ ފަސް ވަނައިގާ ތައިލޭންޑް ހިމެނޭނެކަމީ ޝައްކެތް އޮތް ކަ...

22 Oct 2021 | 13:39

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެގިނަ މީހުން ދިއުމަށް ބޭނުންވާ ނުވަތަ ޝައުގުވެރިގާ ގައުމުތަކުގެ ލިސްޓެއް ހަދައިފިނަމަ، އެ ލިސްޓުގެ އެންމެގަދަ ފަސް ވަނައިގާ ތައިލޭންޑް ހިމެނޭނެކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ގައުމުތަކަށް ދަތުރުކުރުން މެދުކަނޑާލި އިރު، އެގައުމުތަކުގެ ތެރޭގައި ތައިލޭންޑު ވެސް ހިމެނެ އެވެ. އެގައުމަކީ ޗުއްޓީ ހޭދަކޮށްލުމަށާއި ވިޔަފާރި އާއި އެެހެނިހެން ވެސް ބޭނުންތަކަށް ގިނަ ބަޔަކު އަބަދުވެސް ދަތުރުކުރާ ގައުމެކެވެ.

އެހެންކަމުން އެގައުމަށް ދަތުރުކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބި މީހުންނަށް މީގެކުރިން ވެސް ވަނީ ހިނިތުންވުން ގެނުވާ، ބައެއް ގައުމުތަކުން އެގައުމަށް ދަތުރުކުރެވޭނެކަން އިޢުލާންކޮށްފަ އެވެ.

މިކަން މިހެން އޮއްވާ އަނެއްކާވެސް މިވަނީ އިތުރު 46 ގައުމަކުން ތައިލޭންޑަށް ދަތުރުކުރެވޭ ގޮތް ހަދަން ނިންމާފަ އެވެ.

އެގޮތުން ތައިލެންޑުގެ ބޮޑުވަޒީރު ޕްރަޔުތު ޗަން އޯ ޗަން އާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އާ އުސޫލަކަށް އަމަލުކުރަން ފެށޭނެ ކަމަށެވެ.

ސަރުކާރުން ކަނޑައަޅާފައިވާ ކޮވިޑް ލޯ ރިސްކް 10 ގައުމެއްގައި މަދުވެގެން 14 ދުވަސް ހޭދަކޮށްފައިވާ މީހުންނަށް އެކަނި އެގައުމަށް ދަތުރުކުރެވޭގޮތަށް ކުރިންނަމަވެސް މިހާރުވަނީ އިތުރު 46 ގައުމަކުން ވެސް އެ ގައުމަށް ދަތުރު ކުރެވޭނެ ގޮތް ހަދާފަ އެވެ.

މިގޮތަށް ބަދަލުތައް ގެނައުމުން އެގައުމުގެ ސިޔާސީ ފަރާތް ވަރަށްބޮޑަށް ފާޑުކިޔަމުން ދަނިކޮށް ބޮޑުވަޒީރު ވިދާޅުވެފައިވަނީ ކޮވިޑް 19ގެ ނުރައްކާ ބޮޑު ވެދާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަމަކު ގައުމުގެ އިގްތިސާދު ހަމައަކަށް އަޅުވަން މިނޫން ގޮތެއް ނެތް ކަމަށެވެ.

މި 46 ގައުމުގެ މީހުންނާއެކު ކޮވިޑް ލޯ ރިސްކް ކެޓަގަރީން ތައިލެންޑަށް ދަތުރުކުރާ ފަތުރުވެރިން ކަރަންޓީނަކާ ނުލައި އެގައުމަށް އެތެރެ ވެވުނަސް، ދަތުރުގެ ކުރިން ދެޑޯޒު ވެކްސިން ފުރިހަމަ ކުރަން މަޖުބޫރެވެ. އަދި ނެގެޓިވް ޕީސީއާރު ޓެސްޓު ވެސް ހުށައަޅަން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް