މައްސަލަތަކުގެ ޙައްލު އާދައިގެ މުވައްޒަފުންނާ ހަމައިން އަންނަޖެހޭ: ސީޕީ އަޙްމަދު

ޖަލުތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ޕްރިޒަން އޮފިސަރުންގެ ތެރެއިން އެންމެ އާދައިގެ މުވައްޒަފުންނާ ހަމައިން ޚިޔާލާއި ފިކުރު އަންނަންޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަ...

22 Oct 2021 | 09:02

ޖަލުތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ޕްރިޒަން އޮފިސަރުންގެ ތެރެއިން އެންމެ އާދައިގެ މުވައްޒަފުންނާ ހަމައިން ޚިޔާލާއި ފިކުރު އަންނަންޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒްއިން މިޑްލް މެނޭޖްމަންޓް ލެވެލްގެ އޮފިސަރުންގެ ހުނަރާއި މަޢުލޫމާތު މުރާޖާކޮށް ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ، މިޑްލް މެނެޖަރސް ރިފްރެޝަރ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ،

ސީޕީ އަޙްމަދު ވިދާޅުވީ ޖަލުގައި ހުރި މައްސަލަތައް ޙައްލުކުރުމުގައި މިހާރު އޮތް އެއް ގޮންޖެހުމަކީ ދިމާވާ މައްސަލަތަކުގެ ޙައްލު އަންނާނީ އަބަދުވެސް މަތިން ތިރިއަށްކަމަށް ދެކެވޭ ދެކެވުންކަމަށެވެ. އޭގެ ބަދަލުގައި ޙައްލަކީ ތިރިން މައްޗަށްވެސް ފޮނުވޭނެ އެއްޗަކަށް ވާންޖެހޭ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި އެކަން ކުރުމަށް އޮތް އެންމެ މުހިއްމު ހަތިޔާރަކީ މުވައްޒަފުންގެ ތަޢުލީމީ އަދި ފަންނީ ޤާބިލުކަން މިހާރަށްވުރެ އިތުރުކުރުން ކަމަށް ވެސް ވިދާޅުވިއެވެ.

ތަޢުލީމީ ޤާބިލުކަން ހުރި އޮފިސަރުން ބައެއް ރޭންކުތަކުގައި މަދުކަން ފާހަގަކުރައްވާ ކޮމިޝަނަރ ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކޮމިޝަނަރ ވިދާޅުވީ ހަލުވިކަމާ އެކު ބަދަލުވަމުންދާ މާހައުލުގައި އުފެދޭ މައްސަލަތައް ހައްލުހޯދޭނެ ޤާބިލު މުވައްޒަފުންތަކެއް މުވައްސަސާގައި ތިބުމަކީ ކޮންމެހެންވެސް ބޭނުން ތެރިކަމެއް ކަމަށާއި އަދި މުވައްޒަފުންގެ މެދުގައި ހެޔޮގޮތުގައި ކުރިއަރާ ދިއުމުގެ ވާދަވެރި ރޫހެއް އުފަންކުރަންޖެހޭ ކަމަށާއި ލިބެން ހުރި ވަސީލަތްތަކާއި، ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ އެންމެ ފުރިހަމަ ނަތީޖާ ނެރެ ދެއްކުމަށް މިހާރަށް ވުރެން ބޮޑަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މުވައްސަސާގައި ތަޢުލީމީ ޤާބިލުކަން އިތުރު ކުރަންޖެހިފައިވާ ކަމަށާއި ތަފާތު ފަންނުތަކުގެ ދާއިރާތަކުން ޢިލްމީ، ޤާބިލު މީހުން މިމުވައްސަސާއަށް ބޭނުންވާ ކަމުގައި ފާހަގަ ކުރެވިފައެވެ. އަދި މިވަގުތު މުވައްސަސާގައި މަސައްކަތް ކުރާ މެނޭޖިރިއަލް މަޤާމުތަކަށް ބަލާއިރު 22.7 އިންސައްތައަކީ ގުރެޖުވޭޓުން ކަމަށާއި، އަދި މިޑިލް މެނޭޖްމަންޓުގެ މަޤާމުތަކުގައި ގްރެޖުވޭޓުންގެ އަދަދު ހުރީ 4.3 އިންސައްތާގައި ކަމަށާއި އަދި ޖޫނިއަރ ލެވަލްގެ މަޤާމްތަކުގައި ގްރެޖުވޭޓުންގެ ނިސްބަތް ހުރީ 2 ޕަސަންޓުގައި ކަން ފާހަގަ ކުރައްވައި ވިދާޅުވީ މިއަދަދުތަކަށް ބެލުމުން މުވައްސަސާގެ ލޭބަރ ފޯސްގައި އިތުރަށް ޕްރޮފެޝަނަލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމުގައި ދެކިވަޑައިގަންނަވާ ކަމުގައެވެ.

މީގެ އިތުރުން ތަޖުރިބާއަކީ މިހާރު ދެގޮތަކަށް ވަޒަން ކުރާ ކަމެއްކަމަށާއި އެގޮތުން ކަމެއްގެ ފަންނުވެރިކަން ކިޔަވާ އަދި ފުރިހަމަ މަޢުލޫމާތާއި ޢިލްމު ހޯދައިގެން ކުރާ މަސައްކަތުގެ ނަތިޖާއިން އައު އީޖާދީ ޙިޔާލުތަކާ އެކު ކަންކަމަށް އަވަސް ހައްލު ހޯދޭނެ ކަމަށާއި އަދި ވިސްނުންތެރި ލޭބަރ ފޯސެއް ބިނާ ކުރުމަށް އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމުގައި ފާހަގަ ކުރެއްވިވިއެވެ. އަދި މި ރިފްރެޝައިން ހާޞިލް ކުރެވުނު މަޢުލޫމާތާއި ހުނަރުން ޢަމަލީ މައިދާނުގައި އެކަންކަން ދައްކުވައި ދެއްވުމަށް ކޮމިޝަނަރ އެދިވަޑައިގެންނެވިއެވެ.

05 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެކި ޖަލުތަކުން ޖުމްލަކޮށް 18 ޕްރިޒަން އޮފިސަރުން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދުތަކަކީ އަސާސީ ތަމްރީނުގައި ކިޔަވައިދެވިފައިވާ މާއްދާތައް އަލުން މުރާޖާކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޤަވައިދުތަކާއި އުޞޫލުތަކަށް އަހުލުވެރިކޮށް، ޤައިދީންނާއި ބަންދުމީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ވީ އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ބާރުއަޅާ، ޖަލުތަކުގެ މަސައްކަތްތަކަށް އައިސްފައިވާ ބަދަލުތަކާއި ހިންގުންތެރިކަމުގެ ހުނަރުތައް ދަސްކޮށްދީ، އަހުލުވެރިކުރުމާއި ތަޢުލީމު އުނގެނުމާއި ތަމްރީނު ފުރިހަމަކުރުމުގެ މުހިއްމުކަމުގެ އިތުރުން އޮފިސަރުންނަކީ ރިވެތި އަޙުލާގު ހުންނަ، ހަށިހެޔޮ އަދި ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބެންޖެހޭނެ ބައެއްކަން އަންގައިދިނުމެވެ.

ޕްރޮގްރާމް ނިންމުމުގެ މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީއާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފްގެ އިތުރުން މާފުށީ ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑަންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުﷲ އާއި ސީނިއަރ މެނޭޖްމަންޓް އަދި އައިކޯސްޓްގެ ޑެޕިއުޓީ ޑައިރެކްޓަރ ސީނިއަރ ޕްރިޒަން އޮފިސަރ އަޙްމަދު ލުޤްމާން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް