ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން އެސެމްބަލްކޮށްފައިވާ ފުރަތަމަ ޖަނަރޭޓަރުސެޓް އދ. ހަންނާމީދޫއަށް ގެންގޮސްފި އެވެ.
މިއީ މި މަހުގެ 4 ވަނަ ދުވަހު އިފްތިތާހުކުރި މިޖަނަރޭޓަރު ސެޓަކީ 300kVA ގެ STW300 މޮޑެލްގެ ޖަނަރޭޓަރު ސެޓެކެވެ.
ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން ވަނީ STW ގެ ތިން މޮޑެލްއެއްގެ ޖަނަރޭޓަރުސެޓް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފަ އެވެ.
އެއީ STW600، STW300، އަދި STW800 އެވެ.
މި މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓްތަކަށް އޯޑަރު ދިނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު، ކޮންމެ ޖަނަރޭޓަރު ސެޓަކަަށް ވެސް، ލޯކަލް ވޮރަންޓީއާއި، އާފްޓަރސޭލްސް ސަރވިސްގެ އިތުރުން ކަސްޓަަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތްވެސް ސްޓެވޯއިން ފޯރުކޮށްދޭނެ އެވެ.
ޚިދުމަތުގައި 70 އަހަރުގެ ދިގު ތާރީޚެއް އޮތް ސްޓެލްކޯގެ އިންޖިނިއަރުންނަކީ މި ރާއްޖޭގައި އެންމެ ތަޖުރިބާކާރު އިންޖިނިއަރުންނަށް ވެފައި، ކަސްޓަމަރުންނަށް އެންމެ އެދެވޭ ޚިދުމަތް ދެވޭނެ ކުންފުންޏަކީ ސްޓެލްކޯކަން މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވަނީ ވޯކްޝޮޕް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފާހަގަ ކުރައްވާފަ އެވެ.
އެ ޖެނެރޭޓަރަކީ ރާއްޖޭން ބޭރުން ލިބެން ހުންނަ ޖެނެރޭޓަރުތަކާ އެއް ފެންވަރުގެ ޖެނެރޭޓަރެއް ކަމަށާއި އެއީ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ޖެނެރޭޓަރެއް ކަމަށް ވެސް މުޣުނީ ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ސްޓެލްކޯގެ ވޯކްޝޮޕުން އާފްޓަރ ސޭލްސް ސަރވިސް ލިބިގެންދާނެ ކަމަށާއި، ދިމާވާ ކޮންމެ މައްސަލައެއް ހައްލުކޮށްދީ، ބަދަލުކުރަން ޖެހޭ ސްޕެއަރ އެއް ހުރިނަމަ ސްޓެލްކޯގެ އިންޖިނިއަރުން ގޮސް ބަދަލު ކޮށްދޭނެ ކަމަށް ވެސް މުޣުނީ ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް