ޒަކާތް ނެރުން ވާޖިބުވެފައިވާ މީހާ ޒަކާތް ނެރުން ފަސްކުޅައުން ހުއްދަވެގެނެން ނުވޭ: ޚުތުބާ

ޒަކާތް ނެރުން ވާޖިބުވެފައިވާ މީހާ ޒަކާތް ނެރުން ފަސްކުޅައުން ހުއްދަވެގެނެން ނުވޭކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފި އެވެ. ޒަކާތް ދިނުމުގެ މަތިވެރި އަަޅުކަމުގެ މައްޗަށް ޚާއްސަކޮށްފައިވާ މި...

22 Oct 2021 | 08:13

ޒަކާތް ނެރުން ވާޖިބުވެފައިވާ މީހާ ޒަކާތް ނެރުން ފަސްކުޅައުން ހުއްދަވެގެނެން ނުވޭކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފި އެވެ.

ޒަކާތް ދިނުމުގެ މަތިވެރި އަަޅުކަމުގެ މައްޗަށް ޚާއްސަކޮށްފައިވާ މިއަދުގެ ހުކުރު ޚުތުބާގައި ބުނީ ޒަކާތަކީ އޭގެ ސަބަބުން މުއްސަނދިންގެ މުދަލާ މެދު ފަޤީރުންގެ ހިތްތައް ސާފުވެ، މުދަލުގެ އަހުލުވެރިންނަށް އެބައިމީހުންގެ ހެޔޮ ދުޢާ ލިބިގެން ދިޔުމުގެ ސަބަބެއް ކަމަށެވެ.

"މުޖުތަމަޢުއިން ފަޤީރުކަން ފިލައި، ނިކަމެތީންގެ މޫނުމަތިން އުފާވެރިކަމާއި، ހިނިތުންވުމުގެ އަސަރުތައް ފާޅުކޮށްދޭ ކަމެއް. އިސްލާމީ މުޖުތަމަޢުގައި އޮންނަންޖެހޭ އެކުވެރިކަމާއި، ރަޙުމާއި ހަމްދަރުދީގެ މަތިވެރި ސިފަ ރަމްޒު ކޮށްދޭ ކަމެއް. އޭގެ ސަބަބުން އިޖުތިމާއީ ގުޅުންތައް ބަދަހިވެދޭ. އަދި އެއީ އިސްލާމީ ދައުލަތުގެ ބައިތުލްމާލަށް އިޤްތިސާދީ ގޮތުން ލިބޭ ވަރުގަދަ ބާރެއް." ޚުތުބާގައި ބުނެފައި ވެއެވެ.

ޚުތުބާގައި  މުދަލު ޒަކާތް ނެރުން ވާޖިބު ވަނީ މައިގަނޑު ތިން ޝަރުތެއް ހަމަވުމުން ކަމަށާއި އެއީ މުދަލުގެ ނިޞާބު ހަމަވުމާއި، ނިޞާބު ހަމަވެ އެއަށް ހިޖުރީ އަހަރުން އަހަރެއް ފުރުމާއި، ތިމާގެ ފުރިހަމަ މިލްކުވެރިކަމުގައި އެ މުދާ ހުރުމުން ކަމަށް ވަނީ ހަނދާން ކޮށްދީފަ އެވެ.

ވިޔަފާރިވެރިއަކު ނަމަ، ނިޞާބު ހަމަވިތޯ ބަލާނީ އަތުގައި ހުރި ފައިސާގެ ތެރެއަށް ވިޔަފާރި މުދާ ގަތް އަގު އެއްކޮށް ޖުމްލަ އަގުން ކަމަށާއި ކުންފުނި ހިންގާ ފަރާތުން ޒަކާތް ނުނެރޭނަމަ، ކުންފުނީގެ ހިއްސާދާރުން އަމިއްލައަށް އެމީހެއްގެ ހިއްސާއާއި ޒަކާތް ނެރުން ވާޖިބުވާނެ ކަަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.

ހިއްސާގެ އަގުން ޒަކާތް ނެރޭނީ އެއީ ގަނެވިއްކާ ހިއްސާ ކަމުގައިވާ ނަމަ ކަމަށާއި އެނޫން ހިއްސާތަކުން ޒަކާތް ވާޖިބުވާނީ އެއިން ލިބޭ ފައިދާއިން ކަމަށް ވެސް ޚުތުބާފައި ބުނެފައި ވެއެވެ.

މުދަލު ޒަކާތުގެ ނިޞާބަކީ ރަނުން ނަމަ 85 ގްރާމެވެ. ރިހިން ނަމަ 595 ގްރާމެވެ. ދިވެހި ރާއްޖޭގައި ނިޞާބު ބަލަނީ ރިހިން ނެވެ. ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ފައިސާއިން ޒަކާތުގެ ނިޞާބަށް ޖެހޭ އަދަދަށް ބަދަލު އަންނާނެ އެވެ.

މީހެއްގެ އަތުގައި ހުރި ނިޞާބު ހަމަވެ، ނިޞާބަށްވުރެ މަދުނުވެ ހިޖުރީ ސަނަތުން އެއް އަހަރު ވެއްޖެނަމަ، އެމުދަލުގެ ސާޅީސް ބައިކުޅަ އެއްބައި ޒަކާތަށް ނެރުން ވާޖިބުވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް