ޑްރަގް މައްސަލައިގެ ތެރެއަށް އަނަންޔާ، އޭނާގެ ނަން އޮތީ އާރްޔަންގެ ޗެޓް ލޮގެއްގައި!

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރި ޝާހްރުކް ހާންގެ ދަރިފުޅު އާރްޔަން ހާންގެ މައްސަލައިގަ ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ އަނަންޔާ ޕާންޑޭ އާއި ފުލުހުން ސުވާލު ކުރަން ފަށައި...

22 Oct 2021 | 05:28

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރި ޝާހްރުކް ހާންގެ ދަރިފުޅު އާރްޔަން ހާންގެ މައްސަލައިގަ ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ އަނަންޔާ ޕާންޑޭ އާއި ފުލުހުން ސުވާލު ކުރަން ފަށައިފި އެވެ.

އެ މައްސަލައިގަ އަނަންޔާ އެންމެ ފުރަތަމަ އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ބަޔާން ނަގަން ހާޒިރު ކުރީ އިއްޔެ ހަވީރު އެވެ. މިހާރު ރިޕޯޓުތައް ބުނާގޮތުގައި މިއަދުގެ ވަގުތެއްގައިވެސް ބަޔާން ނަގަށް ބޭނުން ވާތީ އަނަންޔާ އެންސީބީއަށް ހާޒިރުވާން ވަނީ އަންގާފަ އެވެ.

އެންސީބީގެ އޮފިޝަލަކު މީޑިއާގައި ބުނެފައިވަނީ އަނަންޔާ އާއި ސުވާލު ކުރަން ހާޒިރު ކުރަނީ އާރްޔަންގެ ވަޓްސްއެޕް ޗެޓް ލޮގެއްގައި އަނަންޔާގެ ނަން އޮތުމުން ކަމަށެވެ. އެކަމަކު އެ ޗެޓް ލޮގްގައި އަނަންޔާ ވާހަކަ ދައްކާފައި އޮތީކަމެއް ނުވަތަ އަނަންޔާގެ ނަން އެހެން ބަޔަކު ބޭނުންކޮށްފައި އޮތީ ކަމެއް ސާފެއް ނުކޮށްދެ އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ވަނީ އާރްޔަން އާއި އަނަންޔާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ބުނެވެސް އަޑުފެތުރިފަ އެވެ. އެކަމަކު އެކަމާއި ގުޅޭގޮތުން މާބޮޑު ވާހަކަތަކެއް ނުދެކެވި އެ އަޑުތައް ވަނީ ކެނޑިފަ އެވެ.

ފަހުން އަނަންޔާ ފެނިގެން ދިޔައީ ބޮލީވުޑްގެ ބަތަަލް އިޝާން ކައްކަރާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ތަނެވެ. މިއަހަރުގެ އާ އަހަރު ފާހަގަ ކުރަން ޗުއްޓީއަށް ރާއްޖެ އައީވެސް އިޝާން އާއި އަނަންޔާ އެއްކޮށެވެ.

އާރްޔަންގެ މައްސަލައިގަ ތިން ފަހަރެއްގެ މަތިން އޭނާގެ މުއްދަތު ޖަހާފައިވާއިރު އެންސީބީގެ އެދުމަށް އާރްޔަން ބަންދުން ދޫކޮށްލަން ކޯޓުން ވަނީ ދެކޮޅު ހަދާފަ އެވެ. އެންސީބީން ބުނީ އާރްޔަން ބަންދުގައި ބަހައްޓައިގެން ބައިނަލްއަގުވާމީ ޑްރަގް ނެޓްވޯކެއް ފަޅާ އަރުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭނާ ދޫކޮށްލައިފި ނަމަ އެކަން ނުކުރެވި ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ބުނެ އެވެ.

އާރްޔަން ހައްޔަރު ކުރީ މިމަހުގެ ތިން ވަނަ ދުވަހު ކްރޫޒްލައިނާއެއްގައި އޮތް ޕާޓީއަކުންނެވެ. އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައި ނުވާއިރު އެދުވަހު މަސްތުވާތަކެއްޗަށް ޕޮސިޓިވްވެފައެއްވެސް ނުވެ އެވެ. އެކަމަކު އޭނާ ވަނީ މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް އެއްބަސްވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް