މިނިވަންކަމުގެ ދިފާއުގައި މިއަދު ހަވީރު އޮންނަ ހިނގާލުމަށް އިދިކޮޅު ޕާޓީތަކުން ތައްޔާރުވެއްޖެ

"މިނިވަންކަމުގެ ދިފާއުގައި" މިއަދު ހަވީރު އޮންނަ ހިނގާލުމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ތައްޔާރުވެއްޖެ އެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިންތިޒާމްކުރާ ހިނގާލުމުގެ މައުލޫމާތު ދިނުމަށް ބޭ...

22 Oct 2021 | 05:08

"މިނިވަންކަމުގެ ދިފާއުގައި" މިއަދު ހަވީރު އޮންނަ ހިނގާލުމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ތައްޔާރުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިންތިޒާމްކުރާ ހިނގާލުމުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މިފަދަ ހިނގާލުމެއް އިންތިޒާމުކުރީ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ފަދަ އެތައް ކަމެއް ސަރުކާރުން ކުރިއަށްގެންދާތީ، އެކަމާ ރައްޔިތުން ނުރުހޭކަން ހާމަކުރުމުގެ ގޮތުން ކަމަށެވެ.

މިނިވަންކަމުގެ ދިފާއުގެ ކެމްޕޭނަކީ ޕީޕީއެމް އިން މިދިޔަ ސެޕްޓެމްބަރ މަހު އިއުލާން ކުރި ކެމްޕޭނެކެވެ. އެކެމްޕޭން އިއުލާން ކުރުމުގެ ގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެފައި ވަނީ ފެއްސާއި ރަތާއި ހުދު ރަމްޒުވާ ގޮތަށް ފަށާ މި ކެމްޕެއިނަކީ، މި ސަރުކާރުން "ގައުމުގެ މިނިވަންކަން ނަގާލަން ކުރަމުންދާ މަސައްކަތާ ދެކޮޅު" ހަރަކާތެއް ކަމަށެވެ. އަދި ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ކުލައަކަށް ނިސްބަތް ނުވެ، ހުރިހާ ދިވެހިންނަށް އެ ކެމްޕެއިނުގައި ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ދިވެހިރާއްޖޭގެ ހާލަތު މިހާ ގޯސްވެފައިވާއިރު ޤައުމު ސަލާމަތްކުރަން ވެއްޖެކަމަށާއި ގައުމިއްޔަތު ގެއްލިގެން ހިނގައްޖެކަން ދަނެގެން މަސައްކަތްކުރައްވާ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީނުކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ރައީސް ޔާމީނަށް އެންމެ ދުވަހަކަށް ނަމަވެސް މިނިވަންކަމާއެކު މަގުމައްޗަށް ނިކުމެވަޑައި ގެންނެވިއްޖެއްޔާ މިސަރުކާރެއް ނޯންނާނެއެވެ. އަދުރޭ ވިދާޅުވީ މިނިވަންކަމުގެ ދިފާއުގައި ނުކުންނަން ތައްޔާރުވާންޖެހޭ ކަމަށާއި ނުކުންނަންޖެހޭނީ ފިސާރި ރަނގަޅަށް ތައްޔާރުވެގެންކަމަށެވެ.

މިއަދު އޮންނަ ހިންގާލުން ފެށޭނީ ހަވީރު 16:00 ގައެވެ.

މި ކެމްޕެއިނަކީ ފެއްސާއި ރަތާއި ހުދު ރަމްޒުކޮށްދޭ ކެމްޕެއިނެއް ކަމަށާއި މި ކެމްޕެއިނަކީ ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭނެ ކެމްޕެއިނެއް ކަމަށެވެ. އަދުރޭ ވަނީ ސިޔާސީ ހުރިހާ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކަށް މި ކެމްޕެއިންގައި ބައިވެރިވުމަށް ގޮވާލައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް