ސިލްސިލާ ވާހަކަ: ޒާރާ - ސާޅީސް އެއްވަނަބައި

''ތިޔޯ.......'' އިމްރާން ޒާރާ ގާތަށް ޖެހިލިއެވެ. ޒާރާ ކުރިއަށްވުރެވެސް ބޮޑަށް އަތްދިއްކޮށްލީ ސިޓީއުރަ އިމްރާނުގެ އަތަށް ފޯރުކޮށްލުމުގެ މަގުސަދުގައެވެ. އިމްރާންގެ ހައިރާންކަން އިތުރުވުން ނޫންކަމެއް ޒާރ...

22 Oct 2020 | 07:43

''ތިޔޯ.......'' އިމްރާން ޒާރާ ގާތަށް ޖެހިލިއެވެ. ޒާރާ ކުރިއަށްވުރެވެސް ބޮޑަށް އަތްދިއްކޮށްލީ ސިޓީއުރަ އިމްރާނުގެ އަތަށް ފޯރުކޮށްލުމުގެ މަގުސަދުގައެވެ. އިމްރާންގެ ހައިރާންކަން އިތުރުވުން ނޫންކަމެއް ޒާރާގެ އެ ހަރަކާތުން ނުވިއެވެ. މަޑުމަޑުން ސިޓީއުރައިގައި ހިފިއެވެ. ސިޓީއުރަ ކަނޑާލުމަށްފަހު އެތެރެ ބަލާލިއެވެ. ފަތްޖަހާފައިވާ ކަރުދާހެކެވެ. ސުވާލުގެ ބެލުމަކުން އިމްރާނަށް އަނެއްކާވެސް ބަލާލެވުނީ ޒާރާގެ މޫނަށެވެ. މަޑުމަޑުން ކަރުދާސްގަނޑު ނަގާ ނިއުޅުވާލިއެވެ.

ކަރުދާސްގަނޑު ބަލާލުމާއެކު އިމްރާން އަށް ބަލާލެވުނީ ޒާރާގެ މޫނަށެވެ. ދެވަނަފަހަރަށްވެސް ކަރުދާސްގަނޑަށް ބަލާލީ ފެންނަނީ ހުވަފެނެއް ނޫންކަން ޔަގީން ކުރުމަށެވެ. އިމްރާން އަތުގައި އެއޮތް ކަރުދާސްގަނޑަކީ ލެބޯޓަރީ ޓެސްޓް ރިޕޯޓެކެވެ. އިމްރާންއަށް  ހަލުވިކަމާއެކު ޒާރާގެ ގާތަށް ޖެހިލިއެވެ. ޒާރާގެ ދެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ.. ހަމަ އެހާ ލޯބިން ޒާރާގެ ހަށިގަނޑު އިމްރާނުގެ އަތުތެރެއަށް ގެނެސް މެޔާލާ ބޮނޑިކޮށްލިއެވެ. ދެލޯމަރާލެވުނީ ލިބެމުންދާ އުފާވެރިކަން އޭގެ އެންމެ ފުނުން އިހްސާސް ކޮށްލުމަށެވެ.

''ތެންކިޔޫ ޒާރާ..... އަހަރެން ބައްޕައަކަށްވަނީ.....'' ޒާރާ ގަޔާ ދުރުކޮށްލަމުން އެ ރީތި މޫނަށް އިމްރާން ބަލާލިއެވެ. އެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އިމްރާން އުފަލުންގޮސް އަޑު ތުރުތުރު އަޅައެވެ. އެ ދެއަތްވެސް ވަނީ ފިނިވެފައެވެ.

''ކީއްވެ ކުރިން ނުބުނީ..... ބަނޑަށް މިހާރު ނުވަ ހަފުތާވީ ދޯ..... ނުވެސް އެނގޭ.....'' އިމްރާން ޒާރާގެ ބަނޑުގައި އަތް ޖައްސާލަމުން ޝަކުވާކޮށްލިއެވެ. ނުހަނު ލޯބިންނެވެ.

''މި އުފާވެރި ހަބަރުދޭން މަޑުކުރީ ހަމަ މިރޭ އެ ހަބަރު ދޭންވެގެން........ އެހެންނޫނަސް ޓެސްޓް ހެދިތާވެސް އަދި މިވީ ދެދުވަސް...... ރިޕޯޓް ވަރަށް ފޮރުވައިގެން ގެންގުޅުނީ...... އިމްރާން އަށް ފެނިދާނެތީ......'' ޒާރާ އިމްރާނާ ހަތަރުކަޅި ހަމަކޮށްލަމުން ޖަވާބު ދިނެވެ.

''ދަރިފުޅާ  ...... ޒާރާ....'' ސަރީފާގެ އެގޮވަނީ އިމްރާންމެން ލަސްވެގެން ކަން ކަށަވަރެވެ. އެ އުފާވރި ޚަބަރު އާއިލާއަށް ދިނުމަށް، މިރެއަށްވުރެ ވަކިން ރަނގަޅު ރެއެއް ނެތްކަމުގައި ޒާރާގެ ދެމަފިރިންނަށްވެސް އެއްބަސް ވެވުނެވެ.

ޕާޓީ އަކީ ކުޑަ ޕާޓީއެއް ނަމަވެސް ގިނަ އަދަދެއްގެ ރައްޓެހިންނާ ދެ އާއިލާގެ އެންމެނަށް ވަނީ ދައުވަތު ދެވިފައެވެ. މުޅި ގޯތިތެރެ އެކި ކުލަކުލައިން ދިއްލެމުންދާއިރު އެ މާހައުލުގެ ހިތްގައިމުކަން އިތުރުކުރުވާފައިވަނީ އިވެމުންދާމަޑު މިޔުޒިކުގެ ހިތްގައިމު އަޑުންނެވެ. ޒާރާ އާއި އިމްރާނުގެ އިންތިޒާރުގައި ތިބި މީހުންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ގޯތިތެރޭގައި އަތުރާލާފައިވާ މޭޒުތައް ފަޅުފިލުވާލާފައިވަނީ ތަފާތުވައްތަރުގެ މާމެލާމެލިންނާ ދިއްލާފައިހުރި އުއްބައްތި ތަކުންނެވެ. އެއްފަރާތެއްގައިހުރި ދިގު މޭޒުތަކުގައި އަތުރާފައިހުރި ކާތަކެތީގެ އެކި ބާވަތްބާތެވެ. ބިރިޔާނިއާއި ބަތެވެ. އެކި ވައްތަރުގެ ރިހައާއި ހަނާކުރިމަހެވެ. ލާމުގެ ހާއްސަ ގޮޅަރިހަވެސް މެއެވެ. އޭގެ އިތުރުން ހަލުވާއާއި ކޭކެވެ. މުޅި މާހައުލު އެއްވަސްވެފައިވަނީ އެތަކެތީގެ ކާހިތްކުރުވާ މީރު ވަހުންނެވެ. އަނގަޔަށް ނުލިޔަސް ރަހަގަނޑު އިހްސާސްކުރެވޭހާވެއެވެ. ތަފާތު ފިނިބުއިންތައް ތަބައްތަކުގައި އަތުރާފައި ހުރިއިރު މެހެމާނުންގެ ޚިދުމަތުގައި ޒުވާންކުދިންކޮޅެއް ހަރަކާތްތެރިވާތަން ފެނެއެވެ.

މެހެމާނުން އަންނަންފެށިފަހުންވެސް އެތައް އިރެއް ފާއިތުވެއްޖެއެވެ. ޒާރާ އެ އިންތިޒާރު ކުރަމުންދަނީ ދެވަނަ މީހަކަށް ނޫނެވެ. އޭނާގެ ބައްޕަ އަށެވެ. ޒައިދުވެސް ފެންނާކަށް ނެތެވެ. ބައްޕަގެ ހަބަރެއްނުވެ ފާއިތުވަމުންދިޔަ ކޮންމެ ހިނދުކޮޅަކާއެކު ޒާރާގެ މޫނުމަތީގައި ހުރި އުފާވެރިކަން ފަނޑުވަމުން ދިޔައެވެ. ކުޑަކޮށް އެއްފަރާތަށް ޖެހިލުމަށްފަހު ޒައިދުގެ ނަމްބަރަށް ގުޅާލިއެވެ. ދާދި ގާތުން ރިންގުގެ އަޑު އިވުމުން ޒާރާ އެނބުރި ބަލާލިއެވެ. ޒައިދު ހިނިތުންވެފައި ޒާރާގެ ނުހަނު ގާތުގައި ހުއްޓެވެ.

''ކިހާ އިރެއް ދޮންތަ އިންތިޒާރުކުރާތާ...... ކޮބާ ބައްޕަ......'' ޒާރާ ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލަމުން ޒައިދުގެ މޫނަށް ބަލާލިއެވެ.

''އެކޮޅު މޭޒުގަ.....'' ޒައިދު އިޝާރާތްކުރީ ތަންކޮޅެއް ދުރުގައިހުރި މޭޒަކަށެވެ. ޒާރާ ހިނގައިގަތީ އެދިމާއަށެވެ. ފަހަތުން ޒައިދުވެސް ދިޔައެވެ. ބައްޕަ އާއި ޖެހިގެން ހުރި ގޮނޑީގައި އިން ނާޒިމާ، ޒާރާއަށްފެނުނީ އެވަގުތުއެވެ. ނާޒިމާ އިނީ ކޮންމެވެސް މީހަކަށް ގުޅައިގެން ވާހަކަދައްކާށެވެ. ޒާރާ ހުއްޓުނީ ބައްޕަގެ ގާތުގައެވެ. އެވަގުތު ނާޒިމާގެ ނަޒަރު ޒާރާއަށް ހުއްޓުނެވެ.

ނަފުރަތުގެ ގިނިން އަނދަމުންދިޔަ އަލިފާންގަނޑުން ކަނި ބުރަން ފެށިއެވެ. ނާޒިމާ އުންމީދުކުރި ގޮތަށް އެއްވެސް ކަމެއް ނުދިއުމުން ލިބުނު މާޔޫސްކަންވެސް އިންތިހާއަށް ބޮޑެވެ. ނާޒިމާ ހީކޮށްގެންހުރިގޮތާ ޚިލާފަށް ހުރިހާކަމެއް ބަދަލުވަމުންދާތަން ދެކެން ކެތްކުރެވޭނީ ކިހިނެއް ހެއްޔެވެ.  އިމްރާން ޒާރާގެ ހިތްވެސް މިލްކު ކޮށްފިއެވެ. ނުވިތާކަށް އެ އާއިލާގެ އެންމެންގެ ރުހުމާއި  ލޯބި  ޒާރާ ހާސިލްކޮށްފިއެވެ.  ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ޒާރާއަށް ލިބިއްޖެއެވެ. އެއީ ނާޒިމާ ދެކެންބޭނުންވި ދުވަހެއް ނޫނެވެ. އޭނާ އުންމީދުކުރީ މުޅިން އެހެންގޮތަކަށެވެ. ޒާރާ ގެ ނުގަބޫލުގައި ކުރެވުނު ކައިވެނީގެ ނިމުން ވަރަށް ހިތިވާނެކަމުގައި ނާޒިމާ ގަބޫލުކުރިއެވެ. އަދި އެ ކައިވެނީގެ ނިމުން ވަރަށް އަވަހަށް އަތުވެދާނެކަމަށްވެސް އޭނާއަށް އުންމީދު ކުރެވުނެވެ.  މީގެ އިތުރުން ގުނާ އަދަދު ނުކުރެވޭނެހާ މަންފާ ނާޒިމާއަށް ސަރީފާގެ ފަރާތުން ހޯދައިގަނެވޭނެކަމަށް ކުރެވުނު ހީވެސް ވީ ކުށް ހީ އަކަށެވެ. ޒާރާގެ މޫނަށް ބަލާލެވުމާއެކު ނާޒިމާގެ މޫނަށް ރުޅިވެރިކަން ވެރިވެގެންދިޔައެވެ.

ޕާޓީ ނިމިއްޖެއެވެ. މެހެމާނުން ގޮސް ނިމިއްޖެއެވެ. ދެއާއިލާގެ މެންބަރުން ފިޔަވައެވެ. އެންމެން ތިބީ ކޭކުފެޅުމަށްޓަކައި ސިޓިންރޫމުގައެވެ. ޒާރާ އާއި އިމްރާން އިންތިޒާރު ކުރަމުންދިޔަ ވަގުތު ޖެހުނީއެވެ. ކޭކު ފެޅުމަށްފަހު އިމްރާން ޒާރާގެ އަނގަޔަށް ކޭކުކޮޅެއް ލެވިއެވެ. ޒާރާގެ މޫނު ލަދުން ރަތްވެގެން ދިޔައެވެ. ނާޒިމާއަށް އެ މަންޒަރު ބަލާކަށް އެހާ ފަސޭހައެއް ނުވިއެވެ.

''އުޅޭ ގެއަށް ދާން......'' ހާމިދާ ދިމާއަށް ބަލާލަމުން ނާޒިމާ ބުނެލިއެވެ.

''މަންމާ.... އަދި ކުޑަ ވަގުތުކޮޅެއް.......... އަދި އޮތީ އެންމެ މުހިންމު ކަންތައް........... ދޯ ޒާރާ.....'' އިމްރާ ހުރީ ނިކަން އުފަލުންނެވެ. އެންމެނަށް ވެސް ބަލާލެވުނީ ޒާރާގެ މޫނަށެވެ.

''މަންމަގެ ޒާރާ މަންމައަކަށް ވަނީ............ އަހަރެން ބައްޕައަކަށް........'' އިމްރާން މޭގައި އަތް ޖައްސާލަމުން ބުނެލިއެވެ. އަތްތިލަބަޑީގެ އަޑުން މުޅި ސިޓިން ރޫމް ގުގުމާލިއެވެ. ނާޒިމާގެ ފިޔަވާ އެންމެން އެ އުފަލުގައި ބައިވެރިވިއެވެ. އެހެނަސް އެ ހަބަރުވީ ނާޒިމާގެ ހިތުގައި އަނދަ އަނދާހުރި އަލިފާންގަނޑަށް ތެޔޮ އެޅުންފަދަ ކަމަކަށެވެ. ސަރީފާ އުފަލުންގޮސް ޒާރާގެ ގައިގާ އޮޅުލައިގަތެވެ. ހާމިދު ހަމަ އެފަދައެވެ. އުފަލުންގޮސް ހާމިދުގެ ލޮލުން ކަރުނަ ހިލިއްޖެއެވެ. ޒާރާއާ ދިމާލަށް ނުހަނު ލޯބިން ހާމިދު ބަލާލިއެވެ. އެ މޫނުގައި ވަނީ އުފާވެރިކަމެވެ. ދެތުންފަތުގައި ވަނީ ހިނިތުންވުމެކެވެ.


ނުނިމޭ – ވާހަކައިގެ އާ ބައެއް، އިންޝާﷲ، 27 އޮކްޓޯބަރު ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް