އިމްރާން ފުލުހުން ބަދުނާމުކޮށް އިލްޒާމު އެޅުވި މައްސަލަ ތަހުގީގު ކުރަން ޖެހޭ: ޝިޔާމް

މަރަލާފާއިވާ ނޫސްވެރިޔާ އަހުމަދު ރިލުވާނުގެ މައްސަލައިގެ ހެކި އަތުލީ ފުލުހުން ކަމަށް ބުނެ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅު ތަހުގީގު ކުރަން ޖެހޭ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އ...

22 Oct 2020 | 07:21

މަރަލާފާއިވާ ނޫސްވެރިޔާ އަހުމަދު ރިލުވާނުގެ މައްސަލައިގެ ހެކި އަތުލީ ފުލުހުން ކަމަށް ބުނެ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅު ތަހުގީގު ކުރަން ޖެހޭ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އިއްޔެގެ މަޖިލީހަށް އިމްރާން ހާޒިރުކުރުމުން ޝިޔާމް ވަނީ އިމްރާނުއާ ސުވާލުކުރައްވާފަ އެވެ. ޝިޔާމް ކުރެއްވި ސުވާލަކީ، މޭޑޭ މުޒާހަރާގައި އިމްރާން ވަނީ ރިލުވާނުގެ މަރުގެ މައްސަލައިގައި ހެކި މިހުރީ ކަމަށް ބުނެ ކަރުދާސްތަކެއް ދައްކާފައި ކަމަށެވެ. އަދި މިހާރު އެ ކަރުދާސްތަށް ކޮބައިތޯ ޝިޔާމް ވަނީ އައްސަވާފަ އެވެ.

ސުވާލުގެ ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވެފައިވަނީ، މެޑޭ މުޒާހަރާތެރެއިން އޭނާ ހައްޔަރުކުރި ފުލުހުން އެ ކަރުދާސްތަށް އަތުލާފައިވާ ކަމަށެވެ. އަދި މިހާރު އެ ކަރުދާސްތަށް ވީތަނެއް އެގިލައްވާނީ އެ ފުލުހުންނަށް ކަމަށެވެ. އިމްރާން އިތުރަށް ވިދާޅުވެފައިވަނީ، މިހާރު އެ ކަރުދާސްތަށް ހޯދަން ބޭނުންވާނަމަ ޖެހޭނީ ތަހުގީގެއް ފަށަން ކަމަށެވެ. އަދި އެއީ ކުރަން ފަސޭހަ ކަމަކަށް ނުވަނީ ފުލުހުން މިހާރު ވެސް އެމްއެމްޕީއާރުސީގެ ހިޔާނަތްފަދަ އެތަކެއް ބޮޑެތި މައްސަލަތަކެއް ތަހުގީގު ކުރަމުން ދާތީ ކަމަށެވެ.

މޭޑޭ މުޒާހަރާތެރެއިން ހައްޔަރުކުރި ފުލުހުން އެ ކަރުދާސް އަތުލި ކަމަށް އިމްރާން ވިދާޅުވާ ގުޅިގެން ޝިޔާމު ވަނީ ނުރުހުން ފައުޅުކޮށްފަ އެވެ. އެކަމުގެ ނުރުހުން ފައުޅުކޮށް ޝިޔާމް ވިދާޅުވީ. ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވާ ފުލުހުން ބަދުނާމުކޮށް، ހެކި އަތުލި ކަމަށް ބުނެ ފުލުހުންނަށް އަމާޒުކުރި ތުހުމަތު ބަލަން ޖެހޭ ކަމަށެވެ.

މޭޑޭ މުޒާހަރާގައި އިމްރާން ހައްޔަރުކުރީ ޓެރަރިޒަމަށް ހިތްވަރު ލިބޭފަދަ ބަސްތަށް ބޭނުން ކުރި ކަމުގެ ކުށުގަ އެވެ. މި ކުށް ސާބިތުވެ އިމްރާން ވަނީ12 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި އެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ފަހުކޮޅު އިމްރާނަށް ކޮށްފައިވާ ދައުވާތަކަކީ ބާތިލް ދައުވާތަކެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް