މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ ތިން ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ފަނޑިޔާރުންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާ "ޖަޖަސް އެސޯސިއޭޝަން އޮފް މޯލްޑިވްސް" އިން ގޮވާލައިފިއެވެ.
އެ ޖަމިއްޔާއިން މިކަމަށް ގޮވާލާފައިވަނީ މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަންވާނީ އެމީހުންގެ ތެދުވެރިކަމާއި، އިހްލާސްތެރިކަމާއި، އަމާނާތްތެރިކަމާމެދު އާންމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރަށް ކަމުގައިވާއިރު، 2019 އޮކްޓޯބަރ 21 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން، މޯލްޑިވްސް މާކެޓިން އެންޑް ޕީ.އާރ ކޯޕަރޭޝަންގެ ހިޔާނާތުގެ މައްސަލައިގާ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރޭގައި، މި ވަގުތު މަގާމުގައި ތިއްބެވި ބައެއް ފަނޑިޔާރުން ހިމެނޭކަމަށް، ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވުމަކީ ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
"އެއްވެސް މިންވަރެއްގެ ޖިނާއީ ތުހުމަތެއް ފަނޑިޔާރެއްގެ މައްޗަށް ކުރެވޭނަމަ، ކަމާބެހޭ އިދާރާތަކުން އެކަން ބަލައި ތަހްގީގުކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް ގޮވާލަމެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ މި ފުރުސަތުގައި، މުޖްތަމައުގައި ފަނޑިޔާރެއްގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދިދާނެ އެއްވެސް އަމަލެއް ފަނޑިޔާރެއްގެ ފަރާތުން ކުރިމަތިވިޔަ ނުދިނުމަށާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަށް ފުރިހަމައަށް ތަބާވުމަށް އެންމައި ފަނޑިޔާރުންނަށް، ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާއިން އިލްތިމާސްކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް