ޕިންކް ރިބަން ރަން/ވޯކް، މި މަހު 26ގައި ރާއްޖޭގެ 30 ރަށެއްގައި

ކެންސަރ ސޮސައިޓީ އޮފް މޯލްޑީވްސް (ސީއެސްއެމް) އިން އިންތިޒާމްކޮށް ބޭންކް އޮފް މޯލްޑިވްސްގެ ހެޔޮ އެދުންތަކާއި އެހީތެރިކަމާއެކު ކޮންމެ އަހަރަކު ބާއްވަމަމުން އަންނަ ޕިންކް ރިބަން ރަން/ވޯކް މި މަހުގެ 26ގަ...

22 Oct 2019 | 17:12

ކެންސަރ ސޮސައިޓީ އޮފް މޯލްޑީވްސް (ސީއެސްއެމް) އިން އިންތިޒާމްކޮށް ބޭންކް އޮފް މޯލްޑިވްސްގެ ހެޔޮ އެދުންތަކާއި އެހީތެރިކަމާއެކު ކޮންމެ އަހަރަކު ބާއްވަމަމުން އަންނަ ޕިންކް ރިބަން ރަން/ވޯކް މި މަހުގެ 26ގައި 30 ރަށެއްގައި އޮންނާނެ ކަމުގައި އެ ސޮސައިޓީން ހާމަކޮށްފިއެވެ.

އެގޮތުން އެ ސޮސައިޓީން ބުނެފައިވާގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހަކީ މުޅިދުނިޔޭގައިވެސް އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައި ފާހަގަކުރާ މަސް ކަމަށްވާތީ އެ ސޮސައިސޓީންވެސް އޮކްޓޯބަރު މަހަކީ އުރަމަތީ ކެންސަރަށް މީހުން ހޭލުންތެރި ކުރުމަށް ތަފާތު ގިނަ ހަރަކާތްތަކެއް މި މަހުގެ ތެރޭގައި ގެންދަނީ ހިންގަމުންނެވެ. މިގޮތުން މި ސޮސައިޓީއާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ބާއްވާ "ޕިންކު ރިބަން ރަން/ވޯކް" އަކީ އޮކްޓޯބަރު މަހު އެ ސޮސައިޓީން ހިންގާ އެންމެ ބޮޑު ހަރަކާތް ކަމަށާއި މި ހަރަކާތް ބޭންކް އޮފް މޯލްޑީވްސްގެ ބްރާންޗްތައް ހުންނަ ހުރިހާ ރަށެއްގައި 26 އޮކްޓޯބަރު 2019ވާ ހޮނިހިރު ދުވަހު ހަވީރު 4:00ގައި އޮންނާނެ ކަމުގައި ބުނެފައިވެއެވެ.

" މިފަހަރު ޕިންކް ރިބަން ރަން/ވޯކް" މި ހަރަކާތް އޮންނާނީ ހއ. ދިއްދޫ، ހއ. ހޯރަފުށި، ހއ. އިހަވަންދޫ، ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ނ. ހޮޅުދޫ، ނ. މަނަދޫ، ރ.އުނގޫފާރު، ރ. މީދޫ، ބ.އޭދަފުށި، ޅ.ނައިފަރު، އއ. ރަސްދޫ، އދ. މަހިބަދޫ، ކ.މާފުށި، ކ. ކާށިދޫ، ވ. ފެލިދޫ، މ.މުލި، ފ.ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ތ. ގުރައިދޫ، ލ.ގަން، ލ.ފޮނަދޫ، ގއ. ވިލިނގިލި، ގދ. ތިނަދޫ، ގދ. ގައްދޫ، ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ އަދި ހުޅުމާލޭގައެވެ." އެ ސޮސައިޓީން ބުނެފައިވެއެވެ.

އެ ސޮސައިޓީން ބުނެފައިވާގޮތުގައި ރާއްޖޭގައި އެއްވަގުތެއްގައި ގިނަ ރަށްތަކެއްގައި، ގިނަ ބަޔަކަށް އުރަމަތީ ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ މިފަދަ އެންމެ ބޮޑު ހަރަކާތެވެ.  މި ހަރަކާތް ކާމިޔާބު ހަރަކާތަކަށް ހެދުމަށް އެ ސޮސައިޓީއާއި ގުޅިގެން މަސައްކަތްކޮށްދެއްވަނީ ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މި ހަރަކާތްތައް އޮންނަ ރަށްރަށުގެ ކައުންސިލްތަކާއި ބޭންކް އޮފް މޯލްޑިވްސްގެ ގޮފިތަކާއި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކަށް މި ފުރުސަތުގައި ވަރަށް ހާއްސަ ޝުކުރެއް އަރިސްކުރާ ކަމުގައި އެ ސޮސައިޓީން ހާމަކުރެއެވެ.

"އަދި ވަކިން ހާއްސަކޮށް މީގެ އިތުރުން ވިލާ ކޮލެޖް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، ހީޓް، އަދި ހޭންޑީ ވޯޓަރގެ އެހީތެރިކަންވެސް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަރިސްކުރަމެވެ. އަދި ވަކިން ހާއްސަކޮށް ބޭންކް އޮފް މޯލްޑިވްސްގެ މެއިން ބްރާންޗުގެ ވެރިންނާއި މިކަމަށް ހާއްސަކޮށް މަސައްކަތްކޮށްދެއްވާ މުވައްޒަފުންނާއި މި ސޮސައިޓީގެ ފޯކަލް ޕޮއިންޓުންގެ ގޮތުގައި ރަށްރަށުގައި މަސައްކަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަމެވެ." އެ ސޮސައިޓިން ބުނެފައިވެއެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އަކީ ދިވެހިރާއްޖޭގައި ކެންސަރު ބަލިން ރައްކާތެރިވުމަށް ބޭނުންވާ މައުލޫމާތު އާންމުންނަށްދީ ހޭލުންތެރިކުރުވުމާއި، ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ ސަބަބުތަކާއި، ކެންސަރާއި ބެހޭގޮތުން ދިރާސާތައް ކުރުމާއި، ތަފާސްހިސާބު އެއްކުރުމާއި، ކެންސަރު ބަލީގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި އުފައްދާފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

މި ސޮސައިސިޓީއަކީ 2015 ވަނަ އަހަރުންފެށިގެން ކެންސަރ ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވާ ދުނިޔޭގެ އެންމެ ބޮޑު ޖަމިއްޔާ "ޔޫނިއަން ފޮރ އިންޓަނޭޝަނަލް ކެންސަރ ކޮންޓްރޯލް (ޔޫއައިސީސީ)" ފުރިހަމަ މެމްބަރޝިޕް ލިބިފައިވާ ޖަމިއްޔާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް