ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ތިން ވަޒީރަކު މަގާމުން ވަކި ކުރެއްވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މަހިބަދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ތާރިގު ވިދާޅުވީ އެކަން ކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު އެ ބޭފުޅުންގެ ބޮލުގައި އެޅުވުމަށްފަހު ކަމަށް ތޯރިގު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ވަޒީރުންނަކީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ އިތުރުން ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ކަމަށެވެ.
"ރުކޮށްލަން ވީނުތޯ.. ކީއްވެތޯ އިސްތިއުފާން ދޭން ނޭންގެނީ. ހަޑި ނަމެއް އަޅުވާފައި، އެމްއެމްޕީއާރުސީގެ ލިސްޓްގެ ތެރޭގައި މި ދެންނެވި ތިން މިނިސްޓަރުން ބޭރުކޮށްލުމުގެ މަސައްކަތް އެމްޑީޕީގެ ތެރެއިން ކުރަމުން ގެންދަނީ،" ތާރިގު ވިދާޅުވިއެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން ތާރިގު ވިދާޅުވީ މި ސަރުކާރަކީ ހާޖަރާގޭ ލުތުފީ ކިބައިން ސަލާމަތް ނުވި ސަރުކާރެއް ކަމަށެވެ. މިއަދުގެ ޖަލްސާ ވަގުތުކޮޅަކަށް ހޫނުވިއެވެ. ތާރިގުގެ ވާހަކައަށްފަހު ދެން ވާހަކަ ދެއްކެވުމަށް ފުރުސަތު ދެއްވީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދަށެވެ. ސައީދު ވާހަކަދައްކަވަމުން ގެންދަވަނިކޮށް ވައިކަރަދޫ ދާއިރާގެ ހުސައިން ޒިޔާދު ނިޒާމީ މައްސަލައެއް ނެންގެވިއެވެ. އަދި ވިދާޅުވީ ހެނދުނު 9:00ގައި ފަށާ ރައްޔިތުން މަޖިލިސް ޖަލްސާއަކަށް މެންދުރު 12:00ގެ ފަހުން މެންބަރުން ވަޑައިގެން ދާއިރާގެ ރައްޔިތުންނަށް އެ މެންބަރަކު މަޖިލީހަށް ވަޑައިގަތްކަމަށް ދެއްކުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތް ހުއްޓާލެއްވުމަށް މަޖިލީހުގެ ރިޔާސަތުން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޒިޔާދުގެ ނިޒާމީ މައްސަލައަކީ ނިޒާމީ މައްސަލައެއްގެ ގޮތުގައި ބަލައިގަނެ ރައްޔިތުން މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލައަކީ މިއަދުގެ މަޖިލީހުގައި އިއުލާނު ކުރެއްވުމަށް އެމަނިކުފާނުވެސް ހުދު ހިތު ލައްވައިގެން ހުންނެވި މައްސަލައެއް ކަމަށެވެ.
"ފަސްދޮޅަސް ފަސް މެންބަރުން އަބަދުމެހެން މިތާ އެބަ ތިއްބަވާ. އަޅުގަނޑު މި ހިތައް އަރަނީ ވާދަވެރި ޕާޓީޓަކުގެ އިއްޒަތްތެރި މެންބަރުން މިތަނަށް ވަޑައިގެން މި 65 މެންބަރުންނާއި ބަހުސް ކުރައްވާ ޖަދަލު ކުރައްވާ ތިބޭފުޅުންގެ ރައްޔިތުން ތިބޭފުޅުން ތަމްސީލް ކޮށްދެއްވުމޭ މި މަޖިލީހުގެ ނިޒާމަކީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވުމުން ފުލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު ނިޒާމީ މައްސަލައެއް ނެންގެވިއެވެ. އަދި ވިދާޅުވީ މަޖިލީހަށް އިދިކޮޅު މެންބަރުން ބަރާބަރަށް ވަޑައިގަންނަވާ ކަމަށެވެ. އޭނާ އެފަދައިން ވިދާޅުވުމުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވާހަކަ ދައްކަވަމުން ފެއްޓެވުމުން "އޭ އީވާ މަޑު ހުރެބަލަ" މިފަދައިން ފަޒުލް ވިދާޅުވިއެވެ. އަދި އެވަގުތުކޮޅު މަޖިލިސް ހޫނުވެ އެއް މެންބަރަކު އަނެއް މެންބަރަކަށް ބަހުގެ ހަމަލާ ރައްދު ކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް