ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމްއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ތެރޭގައި މި ސަރުކާރުގެ މިނިސްޓަރުންނާއި ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުންވެސް ތިއްބެވި ކަމަށް ޕީޖީ ބިޝާމް އިއްޔެ ރައްޔިތުން މަޖިލީހުގެ ކޮމެޓީގައި ވިދާޅުވެފައި ވަނިކޮށެވެ.
މިނިސްޓަރު މަލީހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިއްރުކުރި އެ ބައްދަލުވުމުގައި އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅުވާ އޭނާގެ ނަން ޕީޖީ ވިދާޅުވި ކަމުގެ މައުލޫމާތު ނޫސްވެރިއަކު ދެއްވާފައިވާ ކަމަށެވެ. ޕީޖީ ގޮވައިގެން އަބުރުގެ ދައުވާ ކުރާނަން ކަމަށް ވިދާޅުވެ މަލީހު ވަނީ މިހާތަނަށް ތުހުމަތެއް ވެސް ނުކުރެވޭ މީހުންގެ ނަން ގެންނަނީ މިސްރާބު އޮޅުވާލަންތޯ ސުވާލު އުފައްދާފައެވެ. އަދި ޕީޖީ އެނބުރޭ ވަހުތާނަކަށް ވެގެން ނުވާނެ ކަމަށް މަލީހު ވިދާޅުވިއެވެ.
https://twitter.com/maleehjamal/status/1186573851213230080?s=20
އެމްއެމްޕީއާރްސީ މައްސަލައާ ގުޅިގެން ފުލުހުން ވެސް މިއަދު ވަނީ އެކަމުގައި ފުލުހުންގެ އޮފިސަރުންތަކެއް ހިމެނޭތީ އެ މައްސަލަތައް ބަލަމުން އަންނަ ކަމަށް ބުނެފައެވެ.
އޭސީސީން އާއްމުކުރި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު ރިޕޯޓުގައި 57 ރަށެއްގެ މައްސަލަ ބަލާފައިވާ ކަމަށް ވަނީ ބުނެފައެވެ. އެ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާ އެމް.އެމް.ޕީ.އާރ.ސީގެ އެކައުންޓްތަކަށް ޖަމާނުކޮށް ޗެކް އެންޑޯސްކޮށްގެން އެކިއެކި އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
އެގޮތުން ރަށްތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު 77.45 މިލިއަން ޑޮލަރު އެމްއެމްޕީއާރްސީއަށް ލިބެންޖެހެއެވެ. ނަމަވެސް މި ދެންނެވި ފައިސާގެ ތެރެއިން އެކުންފުންޏަށް ވަދެފައިވަނީ އެންމެ 12.5 މިލިއަން އެމެރިކާ ޑޮލަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް