ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އިންތިޤާލީ އިންޞާފުގެ ބިލުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ބިލެއް ފޮނުވައިފިއެވެ. މި ބިލަކީ ވޭތުވެދިޔަ ރައީސް އަބްދުﷲ ޔާމީނާއި ރައީސް ވަހީދުގެ ވެރިކަމުގައި ހިނގާދިޔަ މައްސަލަތައް ބެލުމަށްޓަކައި އެކުލަވާލި ހާއްސަ ބިލެކެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެމްބަރ 2018 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންޞާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނީ އޮނިގަނޑު އެކުލަވާލައި،
އެ ގާނޫނުގެ ޒަރާއާއިން ހާސިލްކުރަން ބޭނުންވާ ކަންކަން:
- ފަރުދުންގެ މެދުގައި ޞުލްޙަ މަސަލަސްކަން ޤާއިމުކޮށް، މުޖުތަމަޢު އެއްބައިވަންތަކުރުމަށް މަސައްކަތްކުރުމާއި؛
- ޤައުމުގެ އަމަންއަމާންކަން ދަމަހައްޓައި، މަދަނީ މަސަލަސްކަމަށް ޖާގަދިނުމާއި، ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކޮށް، ރައްޔިތުންނަށް ޢަދުލު އިންޞާފަށް ވާޞިލުވެވޭނެ މަގު ތަނަވަސްކޮށްދިނުން.
ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ އެކަންކަން ހާސިލްކުރުމަށްޓަކައި އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަންގެ އޮފީހެއް ގާއިމްކުރާނެ ކަމަށެވެ.
އެ އޮފީހާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް:
- ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ޙައްޤެއް ނިގުޅައިގެންފައިވާނަމަ، އެފަދަ މައްސަލަތައް ދެނެގަނެ، އެކަމުގައި ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި އެކަންކުރި ފަރާތްތަކުގެ މައްސަލަތައް ބަލައި، ޙަޤީޤަތާ ހަމައަށް ވާޞިލުވުން؛
- ނިޒާމީ ސިފައެއްގައި ރޭވިގެން އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތައް ހިންގުމަށް މެދުވެރިވެފައިވާ ސަބަބުތައް ދެނެގަނެ އެ ޢަމަލުތަކުގެ ޒާތާއި އެކަން ހިނގާފައިވާ ފުޅާމިން ދެނެގަތުން؛
- ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ޙައްޤެއް ނިގުޅައިގަނެފައިވާނަމަ، އެ ޢަމަލުތަކަށް ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި ފަރާތްތައް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދެނެގަނެ، ޖަވާބުދާރީކުރުވުން؛
- އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަޙްޤީޤަށްފަހު ޖިނާއީ ކުށެއް ކަމުގައިވާ ޢަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް އަދި މަދަނީ ދަޢުވާ އުފުލުމަށްޓަކައި ބަންޑާރަނައިބަށް ފޮނުވުން؛
- އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަޙްޤީޤުގެ އަލީގައި ނިޒާމީ ގޮތެއްގައި ހިންގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ޒިންމާ އުފުލަންޖެހޭ ފަރާތްތައް ދެނެގަނެ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ބަދަލުހޯދައިދީ، އެހީތެރިކަން ފޯރުކޮށްދިނުން.
- ނިޒާމީ ސިފައެއްގައި ރާވައިގެން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ޙައްޤުތައް ނިގުޅައިގަތުމުގައި ބައިވެރިވެފައިވާ ދައުލަތުގެ މުއައްސަސާތައް އިޞްލާޙުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުން؛
- ކުރިއަށް އޮތް ތާނގައި، އެފަދަ ޢަމަލެއް ނުހިނގާނެކަން ކަށަވަރުކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ދެނެގަތުމާއި، ކަމާގުޅޭގޮތުން ގެންނަންޖެހޭ އިޞްލާޙުތައް ފާހަގަކުރުން.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް