އިސްލާމްދީނަށް ފުރައްސާރަކޮށް ކީރިތި ރަސޫލާއަށް ބަދުބަސް ބުނެ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓުގެ ބޭނުން މިހާރު ހިފަމުން ދަނީ ސަރުކާރާއި ދެކޮޅު ހަތިޔާރެއްގެ ގޮތުގައި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ މާފަންނު މެދު ދާއިރާގެ ގެ މެންބަރު އިބްރާހިމް ރަޝީދު ހުށަހަޅުއްވި ދަނޑުވެރިކަމާ ބެހޭ ފުޑްސެކިއުރިޓީގެ ގަރާރަށް ބަހުސް ކުރައްވަމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ. ޝިޔާމް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ހަލާލު ގޮތުގައި ރައްކާތެރިކަމާއެކު ކާބޯތަކެތި ފޯރުކޮށްދީ، ގައުމު ތަރައްގީ ކުރެވޭނީ ދިވެހި ގައުމިއްޔަތު ދަމަހައްޓައިގެން ކަމަށެވެ.
ޝިޔާމްގެ އެވާހަކަތަކަށްފަހު ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ރިޕޯޓުގައިވާ އިސްލާމްދީނަށް ފުރައްސާރަވާ ބަހުރުވައާއި ކަންތައްތަކުގެ ވާހަކަ ސަރުކާރުންނާއި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކުންވެސް ކުށްވެރި ކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓު ނުކުމެވެފައިވަނީ ކުރީގެ ސަރުކާރުގައި ކަމަށާއި އެ ރިޕޯޓުގައި ބައެއް ފަރާތްތަކުން އެއްވެސް ގޮތަކަށް ފާހަގަނުކުރާ ބައެއް ވާހަކަތަކައް ވެސް ހުރި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެ ރިޕޯޓުގައި އޮތް އަސްލު އަސާސީ ވާހަކަ ގެއްލިދާ ކަމަށާއި ރިޕޯޓު މިހާރު ބޭނުން ކުރެވެނީ ސަރުކާރަށް ހަމަލާ ދެވޭނެ ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ.
އެމްޑީއެން ރިޕޯޓާއި ގުޅިގެން އާއްމު ރައްޔިތުންނާއި ދީނީ އިލްމުވެރިން އަންނަނީ އެކަމުގެ ކަންބޮޑުވުންތައް ފާޅު ކުރަމުންނެވެ. އަދި އެ ޖަމިއްޔާ އުވާލާ އެ ޖަމިއްޔާގެ އިސްވެރިން ހައްޔަރުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށްވެސް ވަނީ ގޮވާލައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް