އާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބޭންކުގެ ޚިދުމަތްތައް ޒަމާނީ ކުރުމާއި ކަސްޓަމަރ ސަރވިސް ރަނގަޅުކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވެއްޖެ އެވެ.
ބީއެމްއެލްގެ ތިންވަނަ ކުއާޓަރގެ މާލީ ނަތީޖާ ހާމަކުރުމަށް އިއްޔެ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޓިމް ވިދާޅުވީ، ބީއެމްއެލްގެ މާލީ ހާލަތު އޮތީ ރަނގަޅު މިސްރާބެއްގައި ކަމަށާއި މިހާރު އެންމެ އިސްކަމެއްދެނީ މުޅި ރާއްޖެއަށް ބޭންކިންގެ ޚިދުމަތް ފޯރުކޮށްދިނުމާއި ކަސްޓަމަރ ސަރވިސް ރަނގަޅުކޮށް ވިޔަފާރިތަކަށްދޭ އެހީތެރިކަން އިތުރުކުރުން ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި ވެސް ޓެކްނޮލޮޖީއަށް އިންވެސްޓްކުރާނެކަން ފާހަގަކުރައްވައި ޓިމް ވިދާޅުވީ، މިއީ އެކި ވަސީލަތްތައް ބޭނުންކޮށްގެން ބޭންކިންގ ޚިދުމަތް ހޯދަމުންދާ ކަސްޓަމަރުންގެ ބޭނުންތަކަށް އަންނަމުންދާ ބަދަލާ އެއްގޮތަށް ޚިދުމަތް ބައްޓަންކުރުމުގެ ގޮތުން ކުރަންޖެހޭ މުހިންމު ކަމެއް ކަމުގައެވެ.
"ޒަމާނީ ޓެކްނޮލޮޖީ އާއެކު މިއަދު އަޅުގަނޑާއި ތިޔަ ބޭފުޅުން ބޭންކިންގ ޚިދުމަތް ހޯދާ ގޮތްތަކަށް މިވަނީ ބޮޑު ބަދަލެއް އައިސްފަ. ކުރިއަށްތަނުގައިވެސް ބޭންކުން ޓެކްނޮލޮޖީއަށް އިންވެސްޓްކޮށް އަދި ހަމައެހެންމެ ކަސްޓަމަރުންނަށް ޚިދުމަތް ހޯދުމަށް މިހާރަށްވުރެ ލުއި ފަސޭހަކަންގެނެސް އިތުރު ފުރުސަތުތަކެއް ދިނުމަށްވެސް މަސައްކަތްކުރަމުންދާނަން. " ޓިމް ވިދާޅުވިއެވެ.
ޓިމް އިތުރަށް ވިދާޅުވީ، ބެންކުގެ ޚިދުމަތްތައް ޑިޖިޓަލްކުރުމަށް ކުރާ މަސައްކަތުގައި ސެލްފް ސާރވިސް ބޭންކިން ހިދުމަތުތާއި، ޕޭމަންޓު ގޭޓްވޭތައް މެދުވެރިކޮށް އީކޮމާރސްގެ ހިދުމަތްތަކާއި، އޮންލައިން ހިދުމަތްތައް ތައަރަފްކުރުމާ، މޯބައިލް ވޮލެޓް ހިދުމަތާއި، ބައިނަލްއަޤްވާމީ މަނީ ޓްރާންސްފާގެ ހިދުމަތްތަކުގެ އިތުރުން ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ބެންކުގެ ޚިދުމަތްތައް ފޯރުކޮށްދޭ ކަމުގައެވެ.
ޖުމްލަ 277 ކޭޝް އެޖެންޓުންނެއް މިހާރު ވެސް އެބަތިބި ކަމަށާއި، އެޖެންޓުން މެދުވެރިކޮށް ޑިޕޮސިޓް ކުރެވޭނެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓިމް ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބްރާންޗެއް، އޭޓީއެމެއް ނުވަތަ އެޖެންޓެއް ގާއިމްކުރެވިފައިވާ ކަމަށް ވެސް ޓިމް ވަނީ ފާހަގަކުރައްވާފައެވެ.
ބީއެމްއެލް އިން މިއަހަރުގެ ތިންވަނަ ކުއާޓަރގެ މާލީ ނަތީޖާ ދައްކާ ގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 307 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެބޭންކުން ވަނީ ހާމަކޮށްފައެވެ. ބީއެމްއެލް އަށް ހިންގުމުގެ ފައިދާގެ ގޮތުގައި 414 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ ކުއާޓަރ އާ އަޅާބަލާއިރު %5 އިތުރު އަދަދެކެވެ. އަދި މިއަހަރުގެ މިހާތަނަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.2 ބިލިއަން ރުފިޔާވަނީ ބޭންކަށް ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %4 އިތުރު އަދަދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް